27 Dec 2016, 13:59
ތިލަފުށީގެ ކުނި މެނޭޖްކުރާ ފެސިލިޓީގެ އިންޖިނިއަރިންގް ޑިޒައިން ހެދުމަށާއި ޒޯން ތިނެއްގެ ކުނި މެނޭޖްކުރާ ސިސްޓަމްގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާ އެވެ.
އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާމިރެވެ. އަދި ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު، ހަސަން ޝާހެވެ.
'ސާފު ރާއްޖެ' ކެމްޕޭނުގެ ދަށުން މިއަދު ހަވާލު ކުރި ޕްރޮޖެކްޓުގެ އަގަކީ 5.19 މިލިއަން ރުފިޔާ އެވެ. މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ އަށް މަސް ދުވަހުގެ ތެރޭގަ އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ މިއަދު ސޮއި ކުރެވިގެން ދިޔައީ ޒޯން ތިނެއްގެ ގޮތުގައި ކަނޑައަޅާފައިވާ އ.އަތޮޅު ދެކުނުބުރި އާއި އުތުރުބުރި، މާލެ އަތޮޅު، އަދި ފެލިދެއަތޮޅުގެ ކުނި މެނޭޖް ކުރުމުގެ ސިސްޓަމްތައް ޑިޒައިން ކުރުމާއި އިންޖިނިއަރިން ޑިޒައިން ހެދުމާއި ފީސިބިލިޓީ ސްޓަޑީ ހެދުން ކަމަށެވެ.
އޭގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން ތިލަފުށީގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާ ބިން ހިއްކަން ބޭނުންވާ އީއައޭ ހެދިގެން ދާނެ އެވެ. ތިލަފުށީގައި ހިއްކަން ނިންމާފައި ވަނީ 10 ހެކްޓަރުގެ ބިމެވެ.
"އޭރުން ތިލަފުށި ބިން ހިއްކުން ބަޔަކާ ހަވާލު ކުރެވޭނެ. ވޭސްޓް މެނޭޖްމަންޓަށް ބޭނުންވާ ބިން ހިއްކާ ވާހަކަ މި ދަންނަވަނީ،" އާމިރު ވިދާޅުވި އެވެ.
އަދި ތިލަފުށީގައި ކުނި ނައްތާލަން ކުނި މެނޭޖްކުރަން ބޭނުންކުރާނެ އިންސިނިރޭޓަރުގެ އިންޖިނިއަރިން ޑިޒައިންތަކާއި އޭގެ ސައިޒާއި އޭގައި ބޭނުން ކުރާނީ ކޮންކަހަލަ ޓެކްނޮލޮޖީ ފަދަ ހުރިހާ ކަމެއް މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ނިމިގެން ދާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
އޭގެ އިތުރުން މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ ހިމެނޭ ގޮތުން ކުނި ޓްރާންސްފާ ކުރާނެ ސިސްޓަމްތަކުގެ އިންޖިނިއަރިން ސްޓަޑީ އާއި ކޮންޓްރެކްޓު ކުރަން ބޭނުންވާ ކޮންޓްރެކްޓު ޑޮކިއުމެންޓް ވެސް ތައްޔާރު ކުރާނެ އެވެ.
"މި އަށެއްކަ މަސް ދުވަސް ނިމޭ އިރު އަޅުގަނޑުމެންގެ އަތުގައި ހުންނާނެ އިންޖިނިއަރިން ޑިޒައިންސް އާ އެއަށް ބޭނުންވާ ކޮންޓްރެކްޓް ޑޮކިއުމެންޓްސް،" އާމިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރުގެ މެދު ތެރޭގައި ޓެންޑާ އަށް ހުޅުވާ ލެވޭ ވަރަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
އޭގެ އިތުރުން، އޭޑީބީ އާ ގުޅިގެން ތިލަފުށީގައި ހާމައަށް ކުނި އެންދުން ހުއްޓުވާލަން ކުރެވިދާނެ މަސައްކަތްތައް ވެސް ބަލަމުން އަންނަ ކަމަށް އާމިރު ވަނީ ވިދާޅުވެފަ އެވެ. އަދި 2017 އަހަރު ނިމޭ އިރު ނުވަތަ 2018 ވަނަ އަހަރުގެ ކުރީކޮޅު، ތިލަފުށީގައި ހާމައަށް ކުނި އެންދުން މުޅިން ހުއްޓާލެވޭ ވަރު ވާނެ ކަމަށް އާމިރު ވިދާޅުވި އެވެ.
އަދި މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން، ޑިޒައިން ކުރެވިގެން ދާނީ ވަރަށް ބޮޑު އިންސިނިރޭޓަރެއް ކަމަށާއި އޭގެން ދުން އެރުން ފަދަ ތިމާވެއްޓަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ދިމާ ނުވާނެ ކަމަށް އާމިރު ވިދާޅުވި އެވެ.
އެ އިންސިނޭޓަރު ވެގެންދާނީ ދުވާލެއްގެ މައްޗަށް 400-500 އެއްހާ ޓަނުގެ ކުނި އެންދޭ ވަރުގެ ބޮޑު އިންސިނިރޭޓަރަކަށެވެ.