27 Dec 2016, 13:20
އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ސަންޑަލޭންޑް ކޮޅަށް ކާމިޔާބު ކުރެވުނު ރީތި ގޯލަކީ ކެރިޔަރުގެ ވެސް ޖެހުނު އެންމެ މޮޅު ގޯލު ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ އަރްމޭނިއާ ފޯވަޑް ހެންރިކް މިކިތާރިޔަން ބުނެފި އެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އިއްޔެ ފެނިގެން ދިޔަ މިކިތާރިޔަން، ސަންޑަލޭންޑްގެ ގޯލަށް ބޯޅަ ފޮނުވާލީ އޭނާގެ ފައިގެ ފުންނާބުން ޖަހަ އެވެ. އެ މެޗުން ޔުނައިޓެޑް މޮޅުވީ 3-1 ލަނޑުންނެވެ.

ފުންނާބުން ޖަހައި، ސަންޑަލޭންޑް ކޮޅަށް ގޯލު ޖެހުމަށްފަހު ޔުނައިޓެޑްގެ މިކިތާރިޔަން އުފާފާޅުކުރަނީ: އިނިގިރޭސި ޕްރިމިއާ ލީގުގައި ސަންޑަލޭންޑްއާ ދެކޮޅަށް އިއްޔެ ކުޅުނު އެ މެޗުން ޔުނައިޓެޑް މޮޅުވީ 3-1 ލަނޑުން --- ފޮޓޯ/ އިއާން ހޮޖްސަން
"އެއީ އަހަރެންގެ ކެރިޔަރުގައި ވެސް ޖެހުނު އެންމެ މޮޅު ގޯލު. އެ ލަނޑު ޖެހުމަށް ފަހު އަހަރެން ފުރަތަމަ ވެސް ބެލީ އޮފްސައިޑް ވެއްޖެތޯ. އެއީ ގޯލެއްކަން އެނގުމާ އެކު އަހަރެން އުފާފާޅުކުރަން ފެށިން. އަހަރެން ވަރަށް އުފާވި،"އެމްޔޫޓީވީއަށް ދިން އިންޓަވިއުއެއްގައި މިކިތާރިޔަން ބުންޏެވެ.
މިކިތާރިޔަން ބުނީ، އޭނާ އަސްލު ހީކުރީ ބޯޅަ ލިބޭނީ އޭނާގެ ކުރިމައްޗަށް ކަމަށާއި އެކަމަކު ފަހަތަށް ބޯޅަ ފުންނާބުން ހަމަލާ އުފައްދަން ޖެހުނު ކަމަށެވެ.
މިކިތާރިޔަންގެ އިތުރުން އިއްޔެގެ މެޗުގައި ދެން ޔުނައިޓެޑަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޑެލޭ ބްލިންޑް އާއި ޒްލަޓަން އިބްރަހިމޮވިޗް އެވެ. ސަންޑަލޭންޑްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ފަބިއޯ ބޮރިނީ އެވެ.