ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)އާ ގުޅޭ މައުލޫމާތާއި ހަބަރު ގެނެސްދިނުމުގައި އެންމެ ހަރަކާތްތެރި ނޫސްވެރިއާ އަށާއި މީޑިއާއަކަށް ހާއްސަ އެވޯޑެއް ދޭން އެ ޔުނިވާސިޓީން ނިންމައިފި އެވެ.

އައިޔޫއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މީޑިއާ އަކީ އިސްލާމިކް ޔުނިވާސިޓީގެ ވަރަށް މުހިއްމު ބައިވެރިއެއްކަމަށާއި މީޑިއާތަކުން ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އެގޮތުން ނޫސްވެރިންގެ އަގުވަޒަންކޮށް އެވޯޑެއް ދޭ ފުރަތަމަ މުއައްސަސާއަކަށް އައިޔޫއެމް ވެގެންދިއުން އަމާޒެއް ކަން ފާހަގަކުރައްވާ ޝަހީމް ވަނީ އަންނަ އަހަރުގެ ތެރޭގައި ނޫސްވެރިންނަށް ހާއްސަ އެވޯޑެއް ދެއްވާނޭ ކަމަށް އިއުލާން ކުރައްވާފައެވެ.

"ކައުންސިލަށް ހުށަހަޅަން އައިޔޫއެމްއާ ގުޅޭ އެންމެ ގިނަ ހަބަރު ފަތުރާ މީޑިއާ އަކަށް އެވޯޑެއް ހުށަހަޅަން. އައިޔޫއެމްއަށް އެންމެ ކަމޭހިތާ ނޫސްވެރިއާއަށް އިނާމެއް ދިނުމުގެ ޕްރޮގްރާމެއް 2017 ވަނަ އަހަރު ފަށާނަން. ނޫސްވެރިއެއްގެ އިތުރުން މުއައްސަސާއެއް ވެސް ހޮވާނަން،" ޗާންސެލަރު ޝަހީމް ވިދާޅުވި އެވެ.