އެއާޕޯޓް ރަންވޭ މައްޗަށް ތެޔޮ އެޅިފައި ހުރުމުން މޯލްޑިވިއަންގެ ދެ ފްލައިޓެއް ރަންވޭއަށް ނުޖެއްސިގެން ބައި ގަޑިއެއްހާއިރު މަތީގައި އުދުހެން ޖެހިއްޖެ އެވެ.

އައިލެންޑް އޭވިއޭޝަންގެ މީޑިއާ އޮފިޝަލް، އަލީ ނަޝާތު މިއަދު ވިދާޅުވީ ރަންވޭ މައްޗަށް ފްލައިޓެއް ޖެއްސެނީ އެއާޕޯޓްގެ ޓަވަރުން " ލޭންޑިން ކްލިއަރެންސް" ދިނުމުން ކަމަށްވާއިރު އިއްޔެ ހެނދުނު ޓްރެވިންޑްރަމް އިން މާލެ އައި މޯލްޑިވިއަންގެ ފްލައިޓަކާއި ހަނިމާދޫ އިން މާލެ އައި ފްލައިޓެއް ގާތްގަނޑަކަށް 30 މިނެޓް ވަންދެން ކްލިއަރެންސް ނުދީގެން ވައިގެ ތެރޭގައި މަޑުކުރަންޖެހުނު ކަމަށެވެ.

މީގެއިތުރުން ކައްދޫ އާއި ކާޑެއްދޫއަށް ދިއުމަށް ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ ފްލައިޓެއްގެ ފުރުން ލަސްކުރަން ޖެހުނު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޖީއެމްއާރުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބޭރުގެ އެއާލައިންއަކަށް ދިމާވި ހައިޑްރޯލިކް މައްސަލައަކާ ގުޅިގެން އިއްޔެ ރަންވޭ މައްޗަށް ތެޔޮތަކެއް ފޭބި ކަމަށެވެ. އަދި އެގޮތަށް ރަންވޭ މައްޗަށް ތެޔޮ އެޅުމުން ރަންވޭ ސާފުކުރަން ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު ނަގާނެ ކަމަށާއި ފްލައިޓްތައް އޮޕަރޭޓް ކުރެވޭނީ ރަންވޭ ކްލިއާ ވީމައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ހައިޑްރޯލިކް އެ މައްސަލަ ދިވާވެފައިވަނީ ސިންގަޕޯ އެއާލައިންސްގެ ފްލައިޓަކަށެވެ.