27 Dec 2016, 12:45
މޮސްކޯ (ޑިސެމްބަރު 27): ބްލެކް ސީއަށް އާދިއްތަ ދުވަހު ވެއްޓުނު ރަޝިއާގެ ޑިފެންސް މިނިސްޓްރީގެ ބޯޓުގެ ކަޅު ފޮށި ފެނިއްޖެ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފި އެވެ.
ރަޝިއާގެ މޮސްކޯއިން ދަތުރުފެށުމަށް ފަހު ސީރިއާއަށް ދިޔުމަށް ބްލެކް ސީގައި އޮންނަ ރިޒޯޓު ރަށެއް ކަމަށްވާ ސޯޗީން ތެޔޮ އަޅައިގެން ނައްޓާލިތާ މާގިނަ އިރުތަކެއް ނުވެ ގުޅުން ކެނޑުނު އެބޯޓުގައި ތިބި 92 މީހުން ވަނީ މަރުވެފަ އެވެ.
ޓީޔޫ-154 މަރުކާގެ އެބޯޓުގައި ތިބި މީހުންގެ ތެރޭގައި ސިފައިންނާއި، ނޫސްވެރިންނާއި، މަޝްހޫރު އަސްކަރީ ބޭންޑެއް ހިމެނޭ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ. އެބޭންޑު ސީރިއާއަށް ދާން ހަމަޖައްސާފައި އޮތީ އެގައުމުގައި ތިބި ރަޝިއާ ސިފައިންނަށް ހާއްސަކޮށް ބާއްވާ އާ އަހަރުގެ ހަފްލާއަކަށް ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ.
ބޯޓު ވެއްޓުނު ސަބަބު ރަޝިއާއިން އަދި ހާމަކޮށްފައި ނުވި ނަމަވެސް އެގައުމުގެ ޓްރާންސްޕޯޓު މިނިސްޓަރު މެކްސިމް ސޮކޯލޮވް ވަނީ ބޯޓު ވެއްޓުނީ ބޮމުގެ ހަމަލާއެއްގެ ސަބަބުން ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ބޯޓު ވެއްޓުނީ ޕައިލެޓުގެ ސަބަބުންތޯ ނުވަތަ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންތޯ ބެލުމަށް ތަހުގީގު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މައްސަލައިގެ ތަހުގީގާ ގުޅުން ހުރި ފަރާތަކާ ހަވާލާދީ ރަޝިއާގެ ނޫހެއްގައިވާ ގޮތުން ބޯޓު ވެއްޓެން މެދުވެރިވީ ބޯޓު މާބަރުވުމުން ކަމަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުން ލަފާ ކުރެވެ އެވެ.
އެއާ ޓްރެފިކް ކޮންޓްރޯލަރުންނާއި ބޯޓުގެ ޕައިލެޓުންނާ އެންމެ ފަހުން ދެކެވުނު ވާހަކައިގެ އޯޑިއޯއެއް ރަޝިއާގެ މީޑިއާތަކުން ވަނީ އާއްމުކޮށްފަ އެވެ. ބޯޓާ ގުޅުން ކެނޑެން ދެން ބޯޓުގައި އެއްވެސް މައްސަލައެއް އުޅޭ ކަމަށް އޯޑިއޯއިން ދޭހަ ނުވެ އެވެ. (ބީބީސީ)