27 Dec 2016, 12:22
އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު މެޗުތަކުން ޗެލްސީ އާއި، އާސެނަލް އަދި މެންޗެސްޓާގެ ދެ ކްލަބު މޮޅުވެއްޖެ އެވެ.
އިއްޔެ ކުޅުނު މެޗުގައި ތާވަލުގެ އެއް ވަނައިގައި އޮތް ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި 3-0 ލަނޑުން އޭއެފްސީ ބޯންމައުތު ބަލިކޮށްފަ އެވެ.
އެ މެޗުގެ 24 ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑު ހޯދައިދިނީ އެ ޓީމުގެ ސްޕެއިން ފޯވަޑް ޕެޑްރޯ އެވެ. މެޗުގެ ދެ ވަނަ ހާފު ފެށުނުތާ ހަތަރު މިނެޓް ފަހުން ޗެލްސީ އަށް ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ ބެލްޖިއަމް ފޯވަޑް އެޑެން ހަޒާޑެވެ. އަދި ޗެލްސީގެ ތިން ވަނަ ލަނޑަކީ މެޗުގެ ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ބޯންމައުތުގެ ސްޓީވް ކުކް އަތުން ބައިކޮޅށް ވަން ލަނޑެކެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އާސެނަލް މޮޅުވީ 1-0 ލަނޑުން --- ފޮޓޯ/ ރޮއިޓާސް
އިއްޔެ އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމް އަލްބިއަންއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލް މޮޅުވީ 1-0 ލަނޑުންނެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، އާސެނަލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ އެ ޓީމުގެ ފްރާންސް ފޯވަޑް އޮލިވިއާ ޖިރޫ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ހަލް ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވީ 3-0 ލަނޑުން --- ފޮޓޯ/ ރޮއިޓާސް
މެންޗެސްޓާ ސިޓީ ވަނީ އިއްޔެ ރަށުން ބޭރުގައި ހަލް ސިޓީގެ މައްޗަށް 3-0 ލަނޑުން ކުރި ހޯދައިފަ އެވެ. އެ މެޗުގައި ސިޓީގެ ތިން ލަނޑު ވެސް ފެނިގެންދިޔައީ މެޗުގެ ދެ ވަނަ ހާފުގެ ތެރޭގައެވެ. މެޗުގެ 72 ވަނަ މިނެޓުގައި ޔާޔާ ޓޫރޭ ސިޓީ އަށް ލީޑު ހޯދައިދިން އިރު، އޭގެ ހަ މިނެޓް ފަހުން ސިޓީ އަށް ލީޑު ފުޅާކޮށްދިނީ ކެލެޗީ އިހިއަނާޗޯ އެވެ. ސިޓީގެ ތިން ވަނަ ލަނޑަކީ ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ކާޓިސް ޑޭވީސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އިއްޔެ މެންޗެސްޓާ ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 3-1 ލަނޑުގެ ނަތީޖާއަކުން ސަންޑަލޭންޑް ބަލިކޮށްފަ އެވެ. މެޗުގެ 39 ވަނަ މިނެޓުގައި ޔުނައިޓެޑަށް ޑެލޭ ބްލިންޑް ލީޑު ހޯދައިދިން އިރު، މެޗުގެ 82 ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޒްލަޓަން އިބްރަހިމޮވިޗް އެވެ. މެޗުގެ 86 ވަނަ މިނެޓުގައި ހެންރިކް މިކިތާރިޔަން ޔުނައިޓެޑްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިން އިރު، ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ސަންޑަލޭންޑްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ފަބިއޯ ބޮރިނީ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ސަންޑަލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް މޮޅުވީ 3-1 ލަނޑުން --- ފޮޓޯ/ ގެޓީ
ލީގު ތާވަލުގެ އެއް ވަނައިގައި ޗެލްސީ އޮތީ ކުޅުނު 18 މެޗުން ލިބުނު 46 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ކުޅުނު 18 މެޗުން 39 ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ލިވަޕޫލަށް 17 މެޗުން ލިބިފައި ވަނީ 37 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް އާސެނަލަށް 18 މެޗުން 37 ޕޮއިންޓް ލިބިފައިވާ އިރު، މެންޗެސްޓާ ޔުނައިޓެޑް އޮތީ ކުޅުނު 18 މެޗުން ލިބުނު 33 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައެވެ.