27 Dec 2016, 12:30
ސަރުކާރުގެ އޮފީސްތަކުން ނެރޭ އިއުލާންތަކާއި، ދެންނެވުންތަކާއި ނޫސްބަޔާންތައް، އެ ލިޔުމެއް ނިސްބަތްވާ އޮފީހަކުން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ގޮތަށް ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ބުނެފައިވާ ގޮތުން މިގޮތަށް ނިންމީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމާއި، އޮފީސްތަކުގެ މަސައްކަތްތައް ހަލުވިކުރުމުގެ ގޮތުންނެވެ. އެގޮތުން އިއުލާންތަކާއި ދެންނެވުން، އަދި ނޫސްބަޔާން ފަދަ ލިއުންތައް އެ އޮފީހަކުން ގެޒެޓު ކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ގެޒެޓުގައި ލިޔުންތައް ޝާއިޢުކުރުމާ ގުޅޭގޮތުން ދައުލަތުގެ އޮފީސްތަކުން އަމަލުކުރަން ޖެހޭ ގޮތް ހާމަ ކުރުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމުގައިވާ ގޮތުން، ސަރުކާރު އޮފީސްތަކުގެ އިއުލާންތަކާއި ދެންނެވުންތަކާއި ނޫސްބަޔާންތައް އެ ލިއުމެއް ނިސްބަތްވާ އޮފީހަކުން ގެޒެޓު ކުރާ ގޮތަށް ހަމަޖެއްސިނަމަވެސް، މިހާރެކޭ އެއްގޮތަށް ދައުލަތުގެ އޮފީސްތަކުން ނެރޭ ގަވާއިދާއި، އުސޫލުތަކާއި، މިފަދަ ގާނޫނީ އެހެނިހެން ލިޔުންތައް ކުރިއެކޭ އެއްގޮތަށް ގެޒެޓުގައި ޝާއިއުކުރާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ގެޒެޓުގައި ލިޔުންތައް ޝާއިޢުކުރުމާބެހޭގޮތުން ދައުލަތުގެ އޮފީސްތަކުން އަމަލުކުރަންވީ ގޮތް، އެ އޮފީހުން އޮފީސްތަކަށް މިހާރު ދަނީ އަންގަމުންނެވެ.