27 Dec 2016, 11:51
އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަ ޕްރައިސައިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރި ޓަގް ބޯޓް ޕްރޮޖްކްޓެއްގެ މައްސަލާގައި އެ ކުންފުންޏަށް 160 މިލިއަން ރުފިޔާ ދައްކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ޖެއްހިއްޖެ އެވެ.
އެމްޕީއެލުން 160 މިލިއަން ރުފިޔާ ދައްކަން ޖެހުނީ ސެންޓަ އެންޓަ ޕްރައިސައިސަސް އާ ހަވާލު ކުރި ޓަގް ބޯޓު ބަނުމުގެ ޕްރޮޖެކްޓް ހުއްޓުވުމުން އައިޑަލް ޓައިމް ޗާޖު ހޯދަން ވަކި ވަކިން ކުރި ދެ ދައުވާ އަކަށެވެ.
ޓަގް ބޯޓު ބަނުމުގެ ޕްރޮޖެކްޓް ސެންޓަ އެންޓަ ޕްރައިސައިސަސް އާ 2008 ވަނަ އަހަރު ހަވާލު ކޮށްފައި ވަނިކޮށް އެމްޕީއެލްއިން ހުއްޓުވާފައި ވަނީ އޭސީސީގެ އެންގުމަށެވެ. އެ ޕްރޮޖެކްޓް ހުއްޓުވުމާ ގުޅިގެން އައިޑަލް ޓައިމް ޗާޖްގެ ގޮތުގައި 13 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ވަނީ އެމްޕީއެލްއަށް އިންވޮއިސްއެއް ފޮނުވާފަ އެވެ.
އެ އިންވޮއިސްގައި ދިފައިވާ ފައިސާ ހަތް ދުވަހުގެ ތެރޭގައި ނުދައްކައިފި ނަމަ، ނުދައްކާ ކޮންމެ ދުވަހަކަށް އެ ފައިސާގެ 1.6 ޕަސެންޓް އިތުރުވާނެ ކަމަށްވެސް އިންވޮއިސްގައި ބުނެފައިވެ އެވެ.
އެމައްސަލާގައި ސެންޓަ އެންޓަ ޕްރައިސައިސަސް އިން އެދިފައިވަނީ ޖުމްލަ 21 މިލިއަން އެމްޕީއެލްގެ ކިބައިން ނަގާ ދިނުމަށެވެ. އެއީ ޖޫރިމަނާ އަދި ޖީއެސްޓީ ހިމެނޭ ގޮތަށެވެ.
އެމައްސަލަ ނިންމައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ ހުށަހަޅާފައިވާ ލިޔުންތަކުން އެ ފައިސާއަކީ އެމްޕީއެލުން ދައްކަން ޖެހޭ ފައިސާކަން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ހަމަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އެމްޕީއެލްއަށް ވަނީ އަންގާފަ އެވެ.
ދެވަނަ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ސެންޓަ އެންޓަ ޕްރައިސައިސަސް އިން އެދިފައިވާ 138 މިލިއަން ރުފިޔާ އަކީ އެމްޕީއެލުން އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާކަން ސާބިތުވާ ކަމަށެވެ އެހެންކަމުން ހަމަސް ދުވަހުގެ ތެރޭގައި އެފައިސާ ދެއްކުމަށް އެމްޕީއެލްއަށް ވަނީ އަންގާފަ އެވެ.
ދެމައްސަލައިން ޖުމްލަ 160 މިލިއަން ދައްކަން އެމްޕީއެލްއަށް ދީފައިވަނީ 12 މަސް ދުވަހެވެ.