ދިވެހިރާއްޖެ ހިމެނޭ ރޫޓުތަކެއް ވެސް ހިމެނޭ ގޮތުން، ކްރޫޒްލައިނާ ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރުމަށް އިންޑިއާއިން ނިންމައިފި އެވެ.

އިންޑިއާ ސަރުކާރުން ވަނީ މައިގަނޑު ފަސް ރޫޓެއް ކަނޑައަޅައިފަ އެވެ. އެ ފަސް ރޫޓަކީ އިންޑިއާ-ސްރީލަންކާ-ދިވެހިރާއްޖެ-ސީޝެލްސް، އިންޑިއާ-ދިވެހިރާއްޖް، އިންޑިއާ-ސިންގަޕޫރު އަދި އިންޑިއާ-ދުބާއީ އެވެ.

އިންޑިއާގެ ޝިޕިންގް މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ތެރޭގައި މުމްބާއީއަށް އެކަނި ވެސް 100 ކްރޫޒްލައިނަރު އަންނާނެ ކަމަށެވެ. އަދި އިންޑިއާގެ ހުޅަނގުގެ ބަނދަރުތައް ކަމުގައިވާ ގޯއާ، ކޮޗިން އަދި މެންގަލޫރަށް 60 ކްރޫޒްލައިނާ އަންނާނެ ކަމަށް ބެލެވޭ އިރު، ޗެންނާއީއަށް އިތުރު 11 ކްރޫޒްލައިނަރު އަންނާނެ ކަމަށެވެ.

އިންޑިއާގެ ބަނދަރުތައް ތަރައްގީކުރުމަށް ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ސަރުކާރުން ވަނީ "ސާގަރުމާލަ" ނަމަކަށް ކިޔާ މަޝްރޫއެއް ފަށައިފަ އެވެ.

މިހާރު ވެސް އިންޑިއާއާއި ރާއްޖެއާ ދެމެދު ކްރޫޒްލައިނަރުތައް ދަތުރުކުރެ އެވެ. އެގޮތުން ދާދި ފަހުން ވެސް ވަނީ ދުނިޔޭގެ މަޝްހޫރު ކްރޫޒްލައިނަރެއް ވަނީ ރާއްޖެއާ އިންޑިއާއާ ދެމެދު ދަތުރުކުރަން ފަށައިފަ އެވެ. ކޮސްޓާ ކްރޫޒެސްގެ ކްރޫޒްލައިނާ ޑިސެމްބަރު 17 ވަނަ ދުވަހު ރާއްޖެ އިން ފުރި އިރު، 2017 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އެ ކްރޫޒްލައިނާ މި ރޫޓުގައި ދަތުރުކުރަމުން ގެންދާނެ އެވެ.

ރާއްޖެ ހިމެނޭ ދެ ރޫޓަކާ އެކު، ކްރޫޒް ފަތުރުވެރިކަން ފުޅާކުރުމަށް އިންޑިއާ އިން ނިންމުމަކީ، އެކަމުގެ ފައިދާތައް ރާއްޖެއަށް ވެސް ކުރާނެ ކަމެކެވެ.