އަންކާރާ (ޑިސެމްބަރު 27): ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއަށް ސައި ނުދޭނެ ކަމަށް ބުނުމުން އެގައުމުގެ ކެފޭއެއްގެ ވެރިޔަކު ހައްޔަރުކޮށްފި އެވެ.

ތުރުކީގެ ސަރުކާރާ އިދިކޮޅު ނޫސް އޭޖެންސީއެއް ކަމަށްވާ ޖުމްހޫރިޔެތްގެ އޮފީހުގައި ހުންނަ ކެފޭއެއްގެ މެނޭޖަރު، ސެނޯލާ ބުރާން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކެފޭއަށް ދިޔަ މަގުމަތީގައި، ރައީސް އުރުދުޣާންގެ ތަގުރީރަކަށް މަގު ބަންދުކޮށްފައި ހުރުމުން ރައީސް އުރުދުޣާން އަށް ސައި ނުދޭނެ ކަމަށް ފުލުހެއް ކަައިރީ ބުނުމުންނެވެ.

ފުލުހުން ބުރާން ހައްޔަރު ކުރީ ރައީސް އުރުދުޣާންއަށް ފުރައްސާރަ ކުރުމުގެ ތުހުމަތުގަ އެވެ. ބުރާން ވަނީ އެތުހުމަތު ދޮގުކޮށްފައި ކަމަށް އޭނާގެ ވަކީލު ބުންޏެވެ.

އެމައްސަލައާ ގުޅިގެން ޝަރީއަތެއް ކުރިއަށް ގެންދިޔުމަށް ތުރުކީގެ ކޯޓަކުން ވަނީ ބުރާން ޖަލަށްލައިފަ އެވެ. ރައީސަށް ފުރައްސާރަ ކުރިކަން ސާބިތުވެއްޖެ ނަމަ ހަތަރު އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މިދިޔަ ޖުލައި މަހު ތުރުކީއަށް ގެންނަން މަސައްކަތް ކުރި ބަޣާވާތާ ގުޅިގެން ކުރުދީ ހަނގުރާމަވެރިންނާއި އެމެރިކާގައި ހުންނަ އިލްމުވެރިޔާ ފަތުހުﷲ ގުލެންއަށް ބަޣާވާތް ކުރުމަށް ތާއިދު ކުރިކަމުގެ ތުހުމަތުގައި ޖުމްހުރިޔެތްގެ 10 މުވައްޒަފުން ވަނީ މީގެ ކުރިން ހައްޔަރުކޮށްފަ އެވެ. ތުރުކީން ބުނާ ގޮތުގައި އެގައުމަށް ގެންނަން މަސައްކަތް ކުރި ބަޣާވާތުގެ ފަހަތުގައި ވަނީ ގުލެން އެވެ.

ނާކާމިޔާބުވި ބަޣާވާތަށް ފަހުން އެގައުމުގެ ސަރުކާރުން ވަނީ 100،000 މުވައްޒަފުން ވަޒީފާ އިން ސަސްޕެންޑުކޮށް ނުވަތަ ވަކިކޮށްފައިވެ އެވެ. އުރުދުޣާންއަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އޭނާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅަމުންދާ ކަމަށް ބުނެފަ އެވެ.

ނަމަވެސް އުރުދުޣާންއަށް ތާއިދު ކުރާ ފަރާތްތަކުން ދަނީ އޭނާއަކީ ތުރުކީގެ އިގުތިސާދީ ކުރިއެރުމުގެ ފަހަތުގައި ހުންނެވި، ވަރުގަދަ ލީޑަރެއް ކަމަށް ބުނަމުންނެވެ. (ބީބީސީ)