ހއ. މޮޅަދޫ ގޮނޑުދޮށަށް ގޮތް ނޭނގޭ ޒާތުގެ އެއްޗެއް ލެއްގުމާ ގުޅިގެން އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް އޭތި ގެނެސް ތަހުގީގު ކުރަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ މޮޅަދޫން ގޮތް ނޭނގޭ އެއްޗެއް ފެނިގެން ލިބުނު ރިޕޯޓަކާ ގުޅިގެން އެއީ ކޮން އެއްޗެއްތޯ ބެލުމަށް ސިފައިންގެ ހާއްސަ ޓީމެއް އެ ރަށަށް ގޮސްފައިވާ ކަމަށާއި އޭތި މިހާރު އޮތީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި ކަމަށެވެ.

މޮޅަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝިޔާމް ވިދާޅުވީ "ރިހި ކުލައިގެ ބޯޅަ" އެއް ގޮތަށް އޮތް އެއްޗެއް މޮޅަދޫ ގޮނޑުދޮށަށް ލައްގާފައި އޮއްވާ ފެނުނީ އިއްޔެ އިރުއޮއްސުނު އިރު އަތިރިމައްޗަށް ދިޔަ ބަޔަކަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެއީ މައުދަނުން ހަދާފައިވާ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ ހަފްތާ އެއް ކުރިން ހއ. އުލިގަމު ގޮނޑު ދޮށުން ވެސް ފެނުނު އެއްޗެއް ސިފައިންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އެއީ ލައިފް ރިންގާ އެއްކޮށް ބޭނުން ކުރާ އެއްޗެއް ކަމަށް ސިފައިން ވަނީ ބުނެފަ އެވެ.