27 Dec 2016, 10:09
ގދ. ތިނަދުއަށް ގެންގޮސް ފަރުވާ ދެމުން ގެންދާ ސްޕެއިންގެ ފަޅުވެރިޔާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާލަން ނިންމާފައިވާ ކަމަށް ގދ. ތިނަދޫ ޑރ. އަބްދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.
ތިނަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދާ އުމުރުން 41 އަހަރުގެ ސްޕެއިން މީހަކީ ތައިލެންޑުން ފުރައިގެން ސީޝެލްސް އަށް ދަތުރުކުރަމުން ދިޔަ "އަލަކްރަނާ" ނަމަކަށް ކިޔާ ދާ އަޅާ މަސް ބޯޓަކުން ހާލުބޮޑުވެ އެ ހޮސްޕިޓަލަށް ގެންދިޔަ މީހެކެވެ.
ލ. މާވަށުގެ ހުޅަނގުން 307 ނޯޓިކަލް މޭލު ބޭރުން އޭނާ ތިނަދޫ އަށް ގެންދިޔައީ މީހެއްގެ ހާލު އިތުރަށް ގޯސްވެ އިތުރު ފަރުވާދިނުމަށް ބޭނުންވާ ކަމަށް އެމްއެންޑީއެފް މެރިންޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގައި އެދުމުން، އެމްއެންޑީއެފްގެ އެހީތެރިކަމާއެކުގަ އެވެ.
ގދ. ތިނަދޫ ޑރ. އަބްދުލް ޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު 'ސަން' އަށް މިއަދު ވިދާޅުވީ، އިއްޔެ ހަވީރު އެ ހޮސްޕިޓަލަށް ގެންދިޔަ ސްޕެއިން މީހާގެ ހާލު ހާލު ގޯސް ނޫން ކަމަށާއި ނޭވާލުމުގައި އުދަނގޫތަކެއް އަދި ވެސް ހުރި ކަމަށެވެ.
ނަމަވެސް ހޮސްޕިޓަލުގައި ފިޒީޝަނެއް ނެތުމާ އެކު ދޭން ބޭނުންވާ އެންމެ އެކަށީގެންވާ ފަރުވާ ދެވޭނެ ގޮތް ނެތުމުން އިތުރު ފަރުވާ ދިނުމަށް މިއަދުގެ ވަގުތެއްގައި މާލެ ފޮނުވާލަން ނިންމާފައިވާ އޮފިސަރު ވިދާޅުވި އެވެ.