ވޮޝިންޓަން (ޑިސެމްބަރު 27) : ރިޔާސީ ތިން ވަނަ ދައުރަކަށް އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު އޮތް ނަމަ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި، ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް އިންތިޚާބުގައި ކުރިހޯއްދަވާނެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

އޮބާމާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ނަމަ ވަރަށް ފަސޭހައިން ޓްރަމްޕްގެ މައްޗަށް ކާމިޔާބު ހޯއްދެވީސް ކަމުގަ އެވެ. ނަމަވެސް ޓްރަމްޕް ވަނީ އިންތިޚާބުގައި އޮބާމާ ވާދަކުރެއްވި ނަމަވެސް އޭނާގެ މައްޗަށް އޮބާމާއަށް ކުރި ނުހޯއްދެވޭނެ ކަމަށް ވިދާޅުވެ އޮބާމާއަށް ގޮންޖައްސަވާފަ އެވެ.

ޓްރަމްޕް ވިދާޅުވީ އޮބާމާގެ ވެރިކަމުގައި އެމެރިކާގެ އެތައް ކަމެއް ބޮއްސުންލައިގެން ގޮސްފައިވާ ކަމަށާ އެހެންކަމުން ތިން ވަނަ ދައުރަކަށް އެމެރިކާގެ ދަސްތޫރު ތަންދިން ނަމަވެސް އޮބާމާއަށް އިންތިޚާބު ކާމިޔާބު ނުކުރެއްވުނީސް ކަމުގަ އެވެ.

ޓެރަރިޒަމާ ދެކޮޅަށް އެމެރިކާ ފަށާފައިވާ ހަނގުރާމަ ވެސް އޮބާމާގެ ވެރިކަމުގައި ކާމިޔާބު ނުކުރެވުނު ކަމަށާއި އަދި ސޫރިޔާއާއި ލީބިޔާއަށް އޮބާމާގެ ވެރިކަމުގައި އެމެރިކާ އަސްކަރީ ގޮތުން ވަދެގަތުމުގެ ސަބަބުން އެދެގައުމު ހަލާކުވުމުގެ ޒިންމާ ވެސް އޮބާމާ އުފުއްލަވަން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް އިންތިޚާބު ވެވަޑައިގެންނެވީ ރައްޔިތުންގެ ވޯޓަކުންނޫނެވެ. އިލެކްޓޯރަލް ވޯޓުންނެވެ. ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވި ހިލަރީ ކްލިންޓަން އަށް ރައްޔިތުންގެ ވޯޓު މާގިނައިން (ދެމިލިޔަނެއްހާ ވޯޓު އިތުރަށް) ލިބިވަޑައިގެންނެވި އެވެ. މިކަމާގުޅިގެން ގިނަ ބަޔަކުވަނީ އެމެރިކާއަކީ ޑިމޮކްރަސީއެއްތޯ ސުވާލު ވެސް އުފައްދައިފަ އެވެ. މިއާއެކު އެމެރިކާގެ ސިޔާސީ ނިޒާމު އިސްލާޙް ކުރުމަށް ވެސް ބައެއް ފަރާތްތަކުން ގެންދަނީ ގޮވާލަމުންނެވެ.

އެމެރިކާގެ ރައީސްކަމަށް އެގައުމުގެ ރައްޔިތުން އިންތިޚާބު ކުރާ ބޭފުޅަކަށް ނާދެވިފައި ރައީސް ކަމަށް އާދެވެނީ އިލެކްޓޯރަލް ކޮލެޖްގައި ތިއްބަވާ ބޭފުޅުން ދެއްވާ ވޯޓުން އެންމެ ގިނަ ވޯޓުލިބޭ ފަރާތަކަށް ކަމަށްވުމަކީ އެމެރިކާއަކީ ފުރިހަމަ އަދި ހަގީގީ ޑިމޮކްރަސީއަކަށް ނުވުންކަމަށް ގަބޫލުކުރާ އެމެރިކާގެ ރައްޔިތުން ވަރަށް ގިނައެވެ. އެމެރިކާއަކީ ރައްޔިތުންގެ އެންމެ ގިނަވޯޓު ލިބޭ ކެންޑިޑޭޓަށް ވެރިކަން ނުލިބޭ ހަމައެކަނި ގައުމުވެސް މެއެވެ.

އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕް، އެމެރިކާގެ ރިޔާސަތާ ހަވާލުވެ ވަޑައިގަންނަވާނީ އަންނަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު އެވެ. އޭނާ ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ގެންގުޅުއްވާނެ ސިޔާސަތުތަކާމެދު އެމެރިކާގެ ހަރުކުލައިގެ ފަރާތްތަކުންނާއި އެމެރިކާގެ ބައިވެރިންގެ ގޮތުގައި ތިބި ޔޫރަޕްގެ ގައުމުތައް ވެސް ވަނި ކަންބޮޑުވާ ހާލަތުގަ އެވެ. (ރޮއިޓާސް)