27 Dec 2016, 09:57
ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ދިރާގުން ލ. ގަމަށް ދޭން ފަށައިފި އެވެ.
މިއަދު ގަމަށް އެހިދުމަތް ދޭން ފަށާފައިވާ އިރު ވަރަށް ކައިރި މުސްތަގުބަލެއްގައި ލ. ފޮނަދު އަށް އެ ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.
ދިރާގުން ބުނީ ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފު ކުރުމުގެ ގޮތުން ލ. އަތޮޅުގެ ކަސްޓަމަރުންނަށް ހިންގާ ހާއްސަ ޕުރޮމޯޝަންގައި އަންނަ މަހުގެ ނިޔަލަށް ފައިބާ ހިދުމަތަށް އެދޭ ހުރިހާ ފަރާތްތަކަށް ފައިބާ ބޮރޯޑްބޭންޑް ކަނެކްޝަނެއް ހިލޭ ގުޅައިދޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު ޑައިރެކްޓާ ސޭލްސް ކަސްޓަމާ ސާވިސަސް އަލީ ރިޔާޒް ވިދާޅުވީ ދިރާގުގެ އަމާޒަކީ ރާއްޖޭގެ ހުރިހަ ހިސާބަކަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
ދިރާގުން ފައިބާ ނެޓްވޯކް ގާއިމްކޮށް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ ލ.ގަން ފިޔަވައި، މާލެ، ހުޅުމާލެ، ވިލިމާލެ އަދި ކ.މާފުށީގައި އެވެ.