27 Dec 2016, 09:25
ގދ. ތިނަދޫ އިން މި އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރި މީހުންނަށް މުދަލު ޒަކާތް ބެހުމަށް އިސްލާމިކް މިނިސްޓްރީގެ ޓީމެއް މާދަމާ އެ ރަށަށް ދިއުމަށް ހަމަޖެހިއްޖެ އެވެ.
ފަސް ބޭފުޅުންގެ މައްޗަށް އެކުލެވޭ ޓީމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގަންނަ ވާނީ އިސްލާމިކް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އައްޝައިޚް އަލީ ޝަރީފެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ ތިނަދޫގައި ޒަކާތުގެ ހައްގުވެރިންގެ ގޮތުގައި 701 މީހުން ރަޖިސްޓްރީ ވެފައިވާ ކަމަށެވެ.
މާދަމާ ތިނަދޫގައި ޒަކާތް ބެހެމުގެ މަސައްކަތް ކުރިއަށް ގެންދާނީ ހެނދުނު 10:30 އިން ހަވީރު 16:00 އާ ދެމެދު އެވެ.
އެ ރަށުގައި ޒަކާތް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އިސްލާމިކް މިނިސްޓްރީގެ ޓީމާއި ތިނަދޫ ކައުންސިލާ ގުޅިގެންނެވެ. ތިނަދޫގައި ޒަކާތް ބެހުމުގެ މަސައްކަތް ނިންމައި މިނިސްޓްރީގެ ޓީމު މާލެ އައުމަށް ހަމަޖެހިފައި ވަނީ 28 ޑިސެމްބަރު ވާ ބުދަ ދުވަހު އެވެ.
މި މަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ ޓީމެއް ވަނީ އައްޑޫ ސިޓީ އަށް ދަތުރުކޮށް، އައްޑޫ ސިޓީގައި ތިބި ޒަކާތް ހައްގުވާ މީހުންނަށް ޒަކާތް ބެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ.