27 Dec 2016, 00:09
މީގެ 12 އަހަރު ކުރިން ކުރިމަތިވި ސުނާމީ ކާރިސާގައި ގެދޮރު ނެތިގެން ދިޔަ މީހުންނަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ދާއިމީ ހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސުނާމީގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބި ހީނުކުރާ ފަދަ އަސަރުތަކެއް ރާއްޖެއަށް ކޮށްފައިވާ ކަމަށެވެ.
"އިއްޔެ އާއި ހަމައަށްވެސް އަޅުގަނޑުމެންގެ ރާއްޖޭގަ ސުނާމީ ކާރިސާއިން ގެއްލުން ލިބުނު ވަރަށް ގިނަ ބަޔަކު ވަރަށް ހާލުގައި އުޅެމުން ދިޔަ. ނަމަވެސް މިއަދު އަޅުގަނޑުމެން މި ރަސްމިއްޔާތު ބާއްވާއިރު އަޅުގަނޑުމެން ފާހަގަކުރަން ޖެހޭ ކަމަކީ ސުނާމީ ކާރިސާގައި ގެއްލުން ލިބުނު މީހުންގެ ތެރެއިން، ހާއްސަކޮށް ގޯތި ގެދޮރު ނެތިގެން ދިޔަ މީހުންނަށް ރައީސް ޔާމީންގެ ސަރުކާރުން މިއަދު މި ވަނީ ދާއިމީ ގެދޮރުގެ ހިޔާވަހިކަންް ފޯރުކޮށްދީފައި،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސުނާމީގެ ސަބަބުން ރާއްޖޭގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުންނަށް ސީދާ ގޮތުން އަސަރުކޮށްފައިވާ ކަމަށާއި، އަދި ރާއްޖޭގެ އުފެއްދުންތެރި ކަމަށް ވެސް އެކަމަށް އަސަރުކޮށްފައިވާ ކަމަށެވެ.
އެ ކާރިސާގައި ދިވެހީންގެ ތެރެއިން އެތައް ބައެއް ނެތި ގޮސް އެތައް ރަށެއް ފަނާވެ، ގެދޮރު ނެތިގެން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކު ނެތިގެން ދިޔަ އިރު، އަޅުގަނޑުމެންގެ އެތައް ރަށެއް ފަނާވެގެން ދިޔަ. އަޅުގަނޑުމެންގެ ތެރެއިން އެތައް ބައެއްގެ ގޯތި ގެދޮރު ނެތިގެން ދިޔަ. އަޅުގަނޑުމެންގެ ވަރަށް ގިނަ ބަޔަކު ބިކަވެގެން ދިޔަ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ސުނާމީގެ ސަބަބުން ދިވެހިންގެ ހުރި އެއްބައިވަންތަކަމާއި، އެއްބައެއް ވަންތަކަމުގެ ރިވެތި މިސާލު ފެނިގެން ދިޔަ ކަމަށް ވިދާޅުވި އެވެ. އެ ދުވަހު ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވެދިން ކަމަށާއި، އެގޮތުން ގޯތި ގެދޮރު ގެއްލިގެން ދިޔަ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް އަމިއްލަ ގޯތި ގެދޮރުން ޖާގަ ދެވިގެން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން، ކާރިސާއެެއް ކުރިމަތިވެއްޖެ ނަމަ އެކަންކަމުން ރައްކާތެރިވާނެ ގޮތާއި، އެކަމާއި ގުޅިގެން ކަންތައް ކުރަން ޖެހޭ ގޮތުގެ ޕްލޭންތައް ހަދާފައިވާއިރު، އާއްމުންނަށް ދޭންޖެހޭ ތަމްރީން ޕްރޮގްރާމްތައް ސަރުކާރުން ފުރިހަމަ ކަމާއެކު ހިންގަވަމުން ދާކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ކުރިއަށް އޮތްތަނުގައިވެސް ހާލުގައި ޖެހޭ ފަރާތްތަކަށް ސަރުކާރުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެރުވި އެވެ.
ީމީގެ 12 އަހަރުކުރިން 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖެ އިން 82 މީހަކު މަރުވެ، 26 މީހަކު ވަނީ ގެއްލިފަ އެވެ.