20 Jun 2011, 14:58
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެކަނި ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ވަގުތީ ރައީސް، ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
ަސަމީރު މިއަދު ވިދާޅުވީ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާމަނިކު އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން އެ ޕާޓީން ހުޅުވައިލި ފުރުސަތު މިއަދުގެ 2:30 ގެ ނިޔަލަށް ހަމަވިއިރު އެ މަގާމަށް އިބޫ ނޫން މެމްބަރަކު ކުރިމަތިލައްވާފައިނުވާ ކަމަށެވެ.
އިބޫ ވަނީ ރައްޔިތުންގެ މަޖިލީހުގައި 17 އަހަރު ހިދުމަތް ކުރައްވާފައިފަ އެވެ.
އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ގަވާއިދު ބުނާ ގޮތުންނަމަ އެންމެ މެންބަރަކު ކުރިމަތިލެއްވި ނަމަވެސް އެ މަގާމަށް މެންބަރަކު އިންތިހާބް ކުރަންޖެހެނީ ސިއްރު ވޯޓަކުންނެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ އިންތިހާބް އަންނަ ބުދަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ.