26 Dec 2016, 22:42
ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާ ބަލިކޮށް، ރާއްޖެ އިން ފެށުން ރަނގަޅުކޮށްފި އެވެ.
އިންޑިއާގައި ކުރިއަށްދާ އެ މުބާރާތުގެ 'ގްރޫޕް އޭ'ގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މިއަދު ލަންކާ އަތުން މޮޅުވެފައި ވަނީ 5-2 ލަނޑުގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ދެ ލަނޑު ޖަހައި ލީޑު ހޯދީ ރާއްޖެ އިންނެވެ. ރާއްޖޭގެ ފުރަތަމަ ލަނޑު މަރިޔަމް ރިފާ ކާމިޔާބުކޮށްދިން އިރު، ލިބުނު ޕެނަލްޓީއަކުން ރާއްޖޭގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ފަދުވާ ޒާހިރެވެ. ރާއްޖެ އިން ދެ ލަނޑުގެ ލީޑެއް ހޯދި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަންކާ އިން ދެ ލަނޑު ޖަހައި، ނަތީޖާ ހަމަހަމަކުރި އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ރާއްޖެ އިން ކާމިޔާބުކުރި ފުރަތަމަ ދެ ލަނޑަކީ ވެސް ލިބުނު ދެ ޕެނަލްޓީއަކުން ކާމިޔާބުކުރި ދެ ލަނޑެވެ. އެ ދެ ޕެނަލްޓީ ކާމިޔާބުކޮށް ފަދުވާ ހެޓްރިކް ފުރިހަމަކުރި އިރު، ރާއްޖޭގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ އައިޝަތު ޝާމިލާ އެވެ.
'ގްރޫޕް އޭ'ގެ އިތުރު މެޗެއް ވެސް މިއަދު ކުޅެފައިވެ އެވެ. ބޫޓާންއާ ދެކޮޅަށް ކުޅުނު އެ މެޗުން ނޭޕާލް ވަނީ 8-0 ލަނޑުގެ ބޮޑު ތަފާތަކުން މޮޅުވެފަ އެވެ.
އެންމެ ފަހު ތިން މުބާރާތް ވެސް ކާމިޔާބުކުރި އިންޑިއާ އޮތީ 'ގްރޫޕް ބީ'ގައެވެ. އިންޑިއާއާ އެކު އެ ގްރޫޕްގައި ދެން ހިމެނެނީ އަފްޣާނިސްތާނާއި ބަންގްލަދޭޝް އެވެ. މުބާރާތުގައި އިންޑިއާ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ނުކުންނާނީ އަފްޣާނިސްތާންއާ ދެކޮޅަށެވެ.