ކައިވެނިން ބޭރުން އުފަންވާ ކުދިންގެ މައުލޫމާތު، އެ ކުދިންނަށް ގެއްލުން ނުވާނެ ގޮތަށް ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްްޔާގެ އޮފީހުން ބުނީ، ކައިވެނިން ބޭރުން އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓާއި، ދިވެހި ރައްޔިތެެއްކަން އަންގައިދޭ ކާޑުގައި ހިމަނާ މައުލޫމާތު އެކުދިންނަށް ގެއްލުން ނުވާނެ ގޮތަށް ހިމެނުމަށް ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކުގައި ކަމަށެވެ.

އެ އޮފީހުން ބުނީ، މިހާރު އެފަދަ ކުދިންގެ މައުލޫމާތު އުފަންދުވަހުގެ ސެޓްފިކެޓާއި އައިޑީ ކާޑުގައި ހިމަނާފައި ހުންނަ ގޮތުން އެކުދިންގެ ތައުލީމީ އަދި އިޖްތިމާއީ ކުރިއެރުމަށް ހުރަސް އެޅެމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެކުދިންނަށް ނަފްސާނީ ގޮތުން މައްސަލަތައް ކުރިމަތިވެ، އެކުދިންގެ މުޅި ދިރިއުޅުމަށް އެކަމުގެ ހިޔަނި އެޅެމުންދާ ކަން ފާހަގަ ކުރެވޭކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އިސްލާމީ ގިނަ ގައުމުތަކުގެ އެފަދަ ކުދިންނަށް އެކުދިންގެ ޒަރޫރީ މައުލޫމާތުތައް ރަސްމީ ލިޔެކިޔުންތަކުގައި ހިމެނުމުގައި، ހާއްސަ ގޮތްތަކެއް ހަމަޖައްސާފައިވާކަން މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި އެގޮތަށް އަމަލު ކުރައްވަން ރައީސް ޔާމީން ނިންމެވީ ވަޒީރުންގެ މަޖިލީހުން މަޝްވަރާ ކުރުމަށްފަހު އެގޮތަށް ލަފާ އެރުވުމާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.