26 Dec 2016, 19:08
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލު ކުރައްވައިފި އެވެ.
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރީބްރޭންޑުކޮށް، އެއާޕޯޓުގެ ނަން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ނަމަށް ބަދަލުވެގެންދާނީ އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން އާންމު ކުރި ލިޔުމެއްގައި ބުނެފައި ވަނީ އައިއެންއައިއޭގެ ނަން މިހާރު އެ ބޭފުޅަކަށް ނިސްބަތްވެވަޑައިގަންނަވާ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަކީ، ރާއްޖެއަށް ޚާރިޖީ މިނިވަންކަން ހޯއްދަވައި ދެއްވުމަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ، އަދި ރާއްޖޭގެ ތަރައްޤީއަށް ވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ އާއި، "ވެލާނާ" މި ނަމަކީ އެ މަނިކުފާނަށް ނިސްބަތްވާ ނަމެއް ކަަމަށެވެ. އެ މަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާ ގޮތަށް އެއާޕޯޓުގެ ނަން ބޭއްވެވުމަކީ ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ކަމަކަށް ވާތީ އެ ނަން ކިޔުމަށް ނިންމެވީ ކަމަށް ރައީސް އޮފީހުން ބުންޏެވެ،
"އެއާޕޯޓުގެ ނަމެއްގެ ގޮތުގައި އެ ނަން ހަމަޖެއްސެވީ ރާއްޖޭގެ ބްރޭންޑް އިމޭޖް ރަމްޒުކޮށް ދޭ، ފަސޭހަ، އަދި ކުރިއެރުމާއި ތަރައްޤީގެ ވިސްނުމަށް މަގުފަހިކޮށްދޭ ނަމަކަށް ބަދަލުކުރެއްވުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ" ރައީސް އޮފީހުން ބުންޏެވެ.
އެެ އޮފީހުން ބުނީ އެގޮތަށް ނިންމީ ސަރުކާރުން ރާއްވަވާފައިވާ އިޤްތިޞާދީ އެޖެންޑާއާ އެއްގޮތަށް އެ ތަރައްޤީއަށް މަގުފަހިކޮށް ދޭ ތަނަކަށް އެއާޕޯޓު ބަދަލު ކުރުމަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ.
"މިގޮތަށް މި ނިންމެވީ، މިއަދު ރާއްޖެ ދެކެމުން މިދާ ތަރައްޤީއާއި، ސަރުކާރުން ކުރިޔަށް ރާއްވަވާފައިވާ އިޤްތިޞާދީ އެޖެންޑާއާ ފައިހަމަކުރެވޭ ގޮތަށް، އަދި އެ ތަރައްޤީއަށް މަގުފަހިކޮށްދޭ ތަނަކަށް އެއަރޕޯޓު ބަދަލުކުރެއްވުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާކުރެއްވުމަށް ފަހުގައެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
ރާއްޖޭގައި އެއާޕޯޓެއް ޤާއިމުކުރެއްވުމަށް ނިންމަވައި، ހުޅުލޭގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ފެއްޓެވީ 1964 މެއި 1 ގަ އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައި ވަނީ އެ މަސައްކަތަކީ ރާއްޖެއިން އިޤްތިޞާދީ ދާއިރާއިންނާއި، ޚާރިޖީ ދާއިރާއިން ތަރައްޤީގެ މަގުގައި އެޅި އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށެވެ. އަދި އޭރުގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، އެ މުހިންމު މަސައްކަތް ކުރައްވަން ނިންމެވި ނިންމެވުން ތަންފީޛުކުރެއްވުމުގައި ވަރަށް ގިނަ ދިވެހިރައްޔިތުން ޢަމަލީ ގޮތުން ބައިވެރިވެ، ވަރަށް ބުރަ މަސައްކަތްތައް ކުރައްވާފައިވާކަން ރައީސް އޮފީހުން ފާހަގަކޮށްފައިވެ އެވެ.
"އެއަރޕޯޓުގެ ފަހުގެ ތާރީޚަށް ބަލާއިރު، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ބޭރުގެ ބަޔަކަށް ކުއްޔަށް ދިނުމަށް ނިންމި ނިންމެވުމަކީ، ދިވެހި ތާރީޚުގައި ޤައުމަށް އެންމެ ގެއްލުންވާ ގޮތަށް ހިންގާފައިވާ ވިޔަފާރީގެ މުޢާމަލާތެވެ. އެއަރޕޯޓުގެ މައިގަނޑު ތަރައްޤީއަށް ހުރަސް އެޅޭގޮތަށާއި، މި ޒަމާނުގެ ބޮޑެތި އުޅަނދުތަކަށް ޖާގަ ނުލިބޭނެ ގޮތަށާއި، އެއަރޕޯޓު ހިންގުމުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން ޞިނާޢަތުތަކަށް އެހެން ބަޔަކަށް ނުފޫޒުފޯރުވޭ ގޮތަށާއި، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ރައްކާތެރިކަމަށް ބުރޫ އަރާގޮތަށް ހަދާފައިވާ މި އެއްބަސްވުން، ރާއްޖެއިން މިހާރު ވަނީ ބާޠިލުކޮށްފައެވެ. އަދި އެ މައްސަލަ ޝަރުޢީ ގޮތުން މިހާރު ވަނީ ނިމިފައެވެ،" ރައީސް އޮފީހުން ބުންޏެވެ.
"އެއަޕޯޓުގެ ތާރީޚަށް ބަލާއިރު، މި އެއަރޕޯޓު ތަރައްޤީކުރުމުގެ އެންމެބޮޑު މަޝްރޫޢު މިއަދުގެ ސަރުކާރުން މިހާރު މިވަނީ ފަށާފަ އެވެ. އަދި މިއީ، އިޤްތިޞާދީ ގޮތުން ރާއްޖެ ބަދަލުކޮށްލައްވަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ކުރައްވާ މަސައްކަތްޕުޅުތައް ރަމްޒުކޮށްދޭ ބޮޑު މަޝްރޫޢެކެވެ. މީގެ އިތުރުން، މިއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގޭ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުވެސް މެއެވެ. މި މަޝްރޫޢުގެ ސަބަބުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނޭ ކުރިއެރުމުގެ އިތުރުން، ސަރުކާރުގެ އަމާޒަކީ، ރާއްޖެއަކީ، މި ސަރަޙައްދާއި، އަދި ދުނިޔޭގެ އެހެން ހިސާބުތަކާ ގުޅުވައިދޭ ވައިގެ ޓްރާންސިޓް ޕޮއިންޓަށް ހެއްދެވުމެވެ. އަދި ރާއްޖެ ކުރިއަރަމުން މިދާ ދުވެލީގައި، ރާއްޖެއަށް އިތުރު މީހުންނާއި އިންވެސްޓްމަންޓްތައް ލިއްބައިދިނުމުގައި، އެއަރޕޯޓެއް ކުޅެންޖެހޭ ދައުރުކަމުގައިވާ އިޤްތިޞާދު ބައްޓަންކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރާ އެއް ޞިނާޢަތުކަމުގައި މި އެއަރޕޯޓް ވެގެން ދިޔުމެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ މިނިވަންކަން ދިވެހިން އަމިއްލައަށް ބައްޓަންކުރުމުގެ ސިޔާސަތު ދެމެހެއްޓުމެވެ."