26 Dec 2016, 18:48
އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ބަންގްލަދޭޝް އަތުން ބަލިވެ، ތިން ވަނަ ހޮވާ މެޗުގައި ނޭޕާލްއާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.
އަމިއްލަ ގައުމުގައި ކުރިއަށްދާ އެ މުބާރާތުގައި ރާއްޖެއާ ދެކޮޅަށް މިއަދު ކުޅުނު މެޗުން ބަންގްލަދޭޝް ވަނީ ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.
މެޗުގެ ފުރަތަމަ ސެޓު 30-28 އިން ބަންގްލަދޭޝް ގެންދިޔަ އިރު، އެ ޓީމުން ދެ ވަނަ ސެޓު ގެންދިޔައީ ފަސޭހަކަމާއެކު 25-16 އިންނެވެ. އަދި ފަހު ސެޓުގައި ރާއްޖޭގެ މައްޗަށް ބަންގްލަދޭޝް އިން ކުރި ހޯދީ 28-26 އިންނެވެ.
ތިން ވަނަ ހޮވާ މެޗުގައި ނޭޕާލްއާ ދެކޮޅަށް ރާއްޖެ ނުކުންނާނީ މާދަމާ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ލޯ މެޑެލް ލިބޭ އިރު، އެ މެޗަކީ ލީގު ބުރުގެ ތިން ވަނަ އަދި ހަތަރު ވަނަ ޓީމުގެ މެދުގައި ކުޅެވޭ މެޗެކެވެ. ލީގު ބުރުގެ ތިން ވަނަ ނޭޕާލުން ހޯދި އިރު، ރާއްޖެ އަށް ލިބުނީ ލީގު ބުރުގެ ހަތަރު ވަނަ އެވެ.
އެ މުބާރާތުގެ ފައިނަލް މެޗު ވެސް މާދަމާ ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެ މުބާރާތުގެ ފައިނަލް މެޗުގައި ނުކުންނާނީ ލީގު ބުރުގެ އެއް ވަނަ ހޯދި ކިރްގިސްތާން އާއި ދެ ވަނަ ހޯދި ބަންގްލަދޭޝް އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ރަން މެޑެލް ލިބޭ އިރު، ބަލިވާ ޓީމަށް ރިހި މެޑެލް ލިބޭނެ އެވެ.
ރާއްޖެ އާއި، ބަންގްލަދޭޝް އާއި، ނޭޕާލް އަދި ކިރްގިސްތާންގެ އިތުރުން ދެން މުބާރާތުގައި ވާދަކޮށްފައި ވަނީ އަފްޣާނިސްތާނެވެ. އެ މުބާރާތުގެ ލީގު ބުރުގައި ރާއްޖެ މޮޅުވެފައި ވަނީ ހަމައެކަނި އަފްޣާނިސްތާންއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ނޭޕާލް އާއި، ކިރްގިސްތާން އަދި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ވަނީ ބަލިވެފަ އެވެ.
ރާއްޖެ އަކީ މިދިޔަ އަހަރުގެ އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ރިހި މެޑެލް ހޯދި ޓީމެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިވެފައި ވަނީ ތުރުކުމެނިސްތާން އަތުންނެވެ.