26 Dec 2016, 17:10
ދެހާސްހަތަރު ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަދުވަހު އިންޑޮނީޝިޔާގެ ސްމަޓްރާއަށް އައި ބާރުގަދަ ބިންހެލުމާގުޅިގެން ދުނިޔޭގެ އެތަށް ގައުމަކަށްއެރި ސުނާމީ ބޮޑު ރާޅުތަކުގައި މަރުވި މީހުންގެ ތެރެއިން 400 މީހުންގެ ހަށިތަކަކީ ކޮން ބައެއްގެ ހަށިތަކެއްކަން އަދިވެސް ނޭނގޭ ކަމަށް ތައިލެންޑުން ބުނެފިއެވެ.
ތައިލެންޑްގެ ފުލުހުން ބުނީ ސުނާމީގައި އެ ގައުމުން 5395 މީހުން މަރުވެފައިވާއިރު މީގެ ތެރެއިން 400 މީހުންގެ ހަށިތަކަކީ ކޮންބައެއްގެ ހަށިތަކެއްކަން އަދިވެސް ނޭނގޭ ކަމަށާއި މިކަން އެނގޭނެ ގޮތެއްވެސް ފެންނަން ނެތްކަމުގަ އެވެ. 2004 ވަނަ އަހަރުގެ ސުނާމީގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނީ އޭޝިޔާގެ ގައުމުތަކަށެވެ. ޚާއްސަކޮށް އިންޑޮނީޝިޔާ، ތައިލެންޑް، ސްރީލަންކާ އަދި އިންޑިޔާއަކީ މިކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބި އެންމެ ގިނައިން މީހުން މަރުވި ގައުމުތަކެވެ.
އިންޑޮނީޝިޔާގެ ސުމަޓްރާގެ އަޗޭ ގެ ކައިރިއަށް ކަނޑުގެ އަޑިއަށް އައި ބާރުގަދަ ބިންހެލުމަކީ ރެކްޓަރ މިންގަނޑުން 9.15 ގެ ބާރުމިނުގައި އައި ބިންހެލުމެކެވެ. އެ ބިންހެލުމުގެ ސަބަބުން ދުނިޔޭގެ ގައުމުތަކަށް އެރި ސުމާނީ ބޮޑު ރާޅުތަކުގައި ދެ ލައްކަ ސައްބީސް މީހުން މަރުވެފައިވެ އެވެ. އަދި ލައްކައެއްހާ މީހުން ޒަޚަމްވެ އެތަށް ސަތޭކަ ބިލިޔަން ޑޮލަރުގެ މާއްދީ ގެއްލުންތައް ސުނާމީ އެރި ގައުމުތަކަށް ލިބިފައިވެ އެވެ. މިއީ ދުނިޔޭގެ ތާރީޚުގައި ވެސް ހިނގި އެންމެ ބޮޑު ގުދްރަތީ އެއްކާރިސާ ކަމަށް ވަނީ ބެލެވިފަ އެވެ.
2004 ވަނަ އަހަރުގެ އޭޝިޔާގެ ސުނާމީއަށް މިއަދު 12 އަހަރު ފުރިފައިވާއިރު އެ ކާރިސާގައި ގެއްލުން ލިބުނު އާއިލާތަކަށް އެ ގެއްލުންތައް އަދިވެސް ފޫ ނުބެދެ އެވެ. ދިވެހިރާއްޖެއަކީވެސް ނިސްބަތުން އޭޝިޔާގެ ސުނާމީގައި ގެއްލުން ލިބުނު ގައުމެކެވެ. އޭޝިޔާގެ ސުނާމީ އަރާފައިވަނީ 2004 ވަނަ އަހަރުގެ ފަހުކޮޅު ދުނިޔޭގެ އެތަށް ލައްކަ ބަޔަކު ރެސޯޓްތަކުގަ އާއި އަތިރިމަތީގައި ޓޫރިސްޓުންގެ ގޮތުގައި އުފާފާޅުކޮށް ޗުއްޓީ ހަދަމުން ގެންދަނިކޮށް ވަރަށް ކުއްލިގޮތަކަށެވެ. އެހެންކަމުން ސުނާމީގެ ޝިކާރައަކަށްވި މީހުންގެ ތެރޭގައި އޭޝިޔާ ނޫން ކޮންޓިނެންޓްތަކަށް ނިސްބަތްވާ އެތަށް އެތަށް ހާސް ޓޫރިސްޓުން ވެސް ހިމެނެއެވެ. ތައިލެންޑުން މަރުވި ފަސްހާހަށްވުރެ ގިނަ މީހުންގެ ތެރެއިން ވެސް ދެހާހަށްވުރެގިނަ މީހުންނަކީ ޓޫރިސްޓުންނެވެ. މީގެތެރޭގައި ޔޫރަޕްގެ މީހުން ވަރަށް ގިނަ އެވެ. (ރޮއިޓާސް)