ނިއު ދިއްލީ (ޑިސެމްބަރު 26): އިންޑިއާއިން އުފެއްދި އެންމެ ދިގު ރާސްތާއަކަށް ދަތުރު ކުރެވޭ މިސައިލް، އަގްނީ 5 މިއަދު ކާމިޔާބު ކަމާއެކު ޓެސްޓުކޮށްފި ކަމަށް އެގައުމުގެ ސައިންސުވެރިން ބުނެފި އެވެ.

ނިއުކްލިއާ ހަމަލާއެއް ދިނުމުގެ ގާބިލުކަން ލިބިގެންވާ އެމިސައިލް އިންޑިއާގެ ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމެންޓް އޯގަނައިޒޭޝަން (ޑީއާރުޑީއޯ) އިން ޓެސްޓުކޮށްފައި ވަނީ އޮރިއްސާ ސްޓޭޓުގެ އައްސޭރިފަށް ކައިރީ އޮންނަ އަބްދުލް ކަލާމް އައިލެންޑުގަ އެވެ.

އިންޑިއާގެ ސައިންސުވެރިން ބުނާ ގޮތުގައި އެ މިސައިލަށް 5000 ކިލޯމީޓަރަށް ދަތުރު ކުރެވޭނެ އެވެ. އެފަދަ ދިގު ރާސްތާ މިސައިލަކުން އިންޑިއާއިން ޗައިނާގެ ބައެއް ސަރަހައްދުތަކަށް ހަމަލާ ދެވޭނެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިސައިލް ޓެސްޓު ކާމިޔާބުވުމުން އިންޑިއާގެ ހުރިހާ ރައްޔިތުން ވަރަށް ފަހުރުވެރިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މިސައިލްގެ ސަބަބުން އިންޑިއާގެ ދިފާއީ ބާރު އިތުރަށް ވަރުގަދަ ވާނެ ކަމަށް ވިދާޅުވެފަ އެވެ. (އެންޑީޓީވީ)