26 Dec 2016, 16:37
އިސްލާމްއާބާދު (ޑިސެމްބަރު 26): އިސްރާއީލުން ނިއުކްލިއާ ހަމަލާއެއް ދީފާނެ ކަމަށް ބުނެފައިވާ ފޭކު ހަބަރެއް ފެތުރުމާ ގުޅިގެން އެފަދަ ހާލަތެއްގައި ޕާކިސްތާނުން ވެސް ނިއުކްލިއާ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ދެއްވައިފި އެވެ.
ޕާކިސްތާނުން އެ އިންޒާރު ދީފައި ވަނީ ޕާކިސްތާނުން ސީރިއާއަށް އެއްގަމު ފައުޖުތައް ފޮނުވައިފި ނަމަ އިސްރާއީލުން ނިއުކްލިއާ ހަމަލާއެއްދީ ޕާކިސްތާން ނެތިކޮށްލާނެ ކަމަށް އިސްރާއީލުގެ ކުރީގެ ޑިފެންސް މިނިސްޓަރު މޮޝޭ ޔާލޮން ވިދާޅުވި ކަމަށް ބުނެ އޭޑަބްލިއުޑީނިއުސް ނަމަކަށް ކިޔާ ޕާކިސްތާނުގެ ވެބްސައިޓެއްގައި ޝާއިއުކޮށްފައިވާ ހަބަރަކާ ގުޅިގެންނެވެ.
"ޕާކިސްތާނުން އިސްލާމިކް ސްޓޭޓާ ދެކޮޅަށް އަދާ ކުރާ ރޯލާ ގުޅިގެން ނިއުކްލިއާ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން ދީފި އެވެ. ޕާކިސްތާނަކީ ވެސް ނިއުކްލިއާ ބާރުއޮތް ގައުމެއްކަން އިސްރާއީލަށް ހަނދާނެއް ނެތެވެ،" ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސީފް ކުރެއްވި ޓުވީޓެއްގައިވެ އެވެ.
އެ ޓުވީޓަށް އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން ވަނީ ރައްދު ދީފަ އެވެ.
"ކުރީގެ ޑިފެންސް މިނިސްޓަރު ޔާލޮން އެފަދައިން ވިދާޅުވެފައި ނުވޭ. ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު އިޝާރާތް ކުރެއްވި ހަބަރަކީ މުޅިން ދޮގު ހަބަރެއް،" އިސްރާއީލްގެ ޑިފެންސް މިނިސްޓްރީން ކުރި ޓުވީޓުގައިވެ އެވެ.
އިސްރާއީލުން ނިއުކްލިއާ ހަތިޔާރު އުފައްދާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި ނަމަވެސް އެގައުމުން އެކަން ޔަގީންކޮށްދީފައި ނުވަތަ ދޮގުކޮށްފައިވެސް ނުވެ އެވެ.
އެންމެ ފުރަތަމަ 1998 ވަނަ އަހަރު މިސައިލް ޓެސްޓެއް ކުރި ޕާކިސްތާނުގައި ގާތްގަނޑަކަށް 120 ނިއުކްލިއާ ހަތިޔާރު އުފައްދާފައިވާ ކަމާ ބެހޭ މާހިރުން ލަފާ ކުރެ އެވެ.
މިނިސްޓަރު އާސިފްގެ ޓުވީޓާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އޭނާއަށް މަލާމާތްކޮށްފަ އެވެ.
ޕާކިސްތާނާ އިސްރާއީލާ ދެމެދު ޑިޕްލޮމެޓިކް ގުޅުންތަކެއް ނޯވެ އެވެ. (އޭއެފްޕީ)