26 Dec 2016, 15:18
ީފާދިއްޕޮޅުގައި މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެ އަތޮޅުގެ ކައުންސިލުން ލޯނު ދޫކުރަން ނިންމައިފި އެވެ.
ޅ. އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަހުމަދު އަސްފަރު 'ސަން' އަށް ވިދާޅުވީ މީގެކުރިން އެ އަތޮޅުގައި ލޯނު ދޫކުރަނީ ވިޔަފާރީގެ މަސައްކަތަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް މިފަހަރު ކައުންސިލުގައި މަޝްވަރާކުރުމަށް ފަހު މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ފަރާތްތަކަށް ލޯނު ދޫކުރަން ނިންމީ ކަމަށް އަސްފަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަޝްވަރާކުރުމަށް ފަހު ނިންމީ، އަތޮޅުގައި މަތީ ތައުލީމު ހާސިލު ކުރަން ބޭނުންވާ މާލީ ދަތިކަން ތިބި ކުދިން އެބަތިއްބޭ. އެހެންވެ އެކުދިންނަށް ލޯނު ދޫކުރުން މުހިންމޭ،" އަސްފަރު ވިދާޅުވި އެވެ.
މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ފަރާތްތަކަށް ލޯނު ދޫކުރަން ނިންމާފައި ވަނީ ޔޫއެންޑީޕީ އާއި ޅ. އަތޮޅު ކައުންސިލާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭ ހާއްސަ ބަޖެޓަކުންނަވެ. އެ ބަޖެޓަކީ 2005 ވަނަ އަހަރުން ފެށިގެން އެކުލަވާ ލެވިފައިވާ ބަޖެޓެކެވެ.
އަނބުރާ ދައްކާ ގޮތަށް ފައިސާ ދޫކުރި ނަމަވެސް އެއްވެސް އިންޓަރެސްޓެއް ނުނަގާނެ ކަމަށް އަސްފަރު ވިދާލުވި އެވެ. އަދި ވިދާޅުވީ "ފާދިއްޕޮޅު ވިނަވި ސުކީމް"ގެ ނަމުގައި އެ މަޝްރޫއު ކުރިއަށް ގެންދަނީ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށް ވެސް ލޯނު ދޫކުރުމަށް ޅ. އަތޮޅު ކައުންސިލުން ވަނީ ނިންމާފަ އެވެ. އެގޮތުން ޖުމްލަ 30 ކުއްޖަކަށް ލޯނު ދޫކުރަން ވަނީ ނިންމައިފަ އެވެ.
ލޯނު ދޫކުރެވޭނީ ރާއްޖޭގެ ކުއަލިފިކޭޝަން އޮތޯރިޓީ ގަބޫލުރާ ކޮލެޖް ޔުނިވަސިޓީ އަދި އިންސްޓިޓިއުޓްތަކުން މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ކަމަށް ޅ. އަތޮޅު ކައުންސިލުން ބުންޏެވެ.
ވަކި ދާއިރާތަކަކަށް ލޯނު ދޫކުރަން ނިންމި ނަމަވެސް އޭގެ ތެރޭގައި 37 ދާއިރާއެއް ހިމެނެ އެވެ. އެގޮތުން ތައުލީމީ ދާއިރާ ސިއްހީ ދާއިރާ އަދި ގާނޫނީ ދާއިރާގެ ތަފާތު ކޯސްތައް ވެސް ހިމެނެ އެވެ.
ލޯނުގެ ގޮތުގައި ނަގާ ފައިސާ ދައްކަން ފަށަން ޖެހޭނީ ކިޔަވާ ނިމޭތާ ތިންމަސް ފަހުންނެވެ. އަދި އެފައިސާ ހަތަރު އަހަރަށް ބަހާލައިގެން ދެއްކޭ ގޮތަށް ވެސް ކައުންސިލުން ވަނީ ހަމަޖައްސައިދީފަ އެވެ.
ފާދިއްޕޮޅު ލޯނުގެ އެހީގައި ކިޔަވާ ފަރާތްތަކުން ކިޔަވައި ނިމިގެން ހިދުމަތް ކުރަން ޖެހޭނީ އަތޮޅަށް ކަމަށް ފާދިއްޕޮޅު ކައުންސިލުން ބުންޏެވެ.