26 Dec 2016, 14:43
ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުމުގެ ބަދަލު ދިނުމަށް އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކަފުލް އިން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާ ގުޅިގެން "ކާރިސާ ތަކަފުލް"ގެ ނަމުގައި އިންޝުއަރަންސް ޕެކޭޖެއް ތައާރަފްކޮށްފި އެވެ.
އަޔާދީ ތަކަފުލް އިން ބުނީ އެއީ ކާރިސާއެއް ދިމާވުމަށް ފަހު އެ ކާރިސާއަކުން ގެދޮރަށާއި ގެދޮރުގައި ހުންނަ މުދާ އަދި ވިޔަފާރިތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކޮށްދިނުމަށް ޓަކައި ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓެއް ކަމަށެވެ. އެގޮތުން އެ ޕްރޮޑަކްޓްގެ ދަށުން ވަގުތީ ހިޔާފަހިކަން ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެ އެވެ.
މިއަދު ޗަމްޕާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އަޔާދީ ތަކަފުލް އާއި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓާ ދެމެދު، އެ ޕްރޮޑަކްޓްގެ ހިދުމަތް ފޯރުކޮށްދިނުމާ މެދު އެމްއޯޔޫގައި ސޮއިކޮށްފަ އެވެ. އެ އެމްއޯޔޫގައި ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒް އެވެ.
އަޔާދީ ކާރިސާ ތަކަފުލް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އަޔާދީ ތަކަފުލްގެ އޮފިޝަލަކު ވިދާޅުވީ ކަވާކުރާ ރިސްކުތަކަކީ ނުވަތަ ގެއްލުންތަކަކީ ގުދުރަތީ ގޮތުން ދިމާވާ ހުރިހާ ކާރިސާއެއް ކަމަށެވެ. އެގޮތުން އުދައެރުމާއި ސުނާމީ އެރުން، ގުގުރި، އަލިފާނުގެ ކާރިސާތައް ފަދަ ކަންތައްތަކުން ލިބޭ ގެއްލުން ކަވާކުރާނެ ކަމަށް ވިދާޅުވި އެވެ.
"މި ޕްރޮޑަކްޓްގެ އެންމެ ހާއްސަކަމަކީ މިގޮތަށް މިކަހަލަ ކާރިސާއެއް ދިމާވާ ހާލަތުގައި އެ ރައްޔިތުން ނުވަތަ އެ ގެއެއްގައި ދިރިއުޅޭ ފަރާތްތަކުން ވަގުތީ ބޯހިޔާވަހިކަމެއް ލިބޭނެ. އެއީ މިހާރު މިފަދަ ކާރިސާތަކުން ދިމާވާ އެންމެ ދަތި އެއްކަންތައް،" އަޔާދީ ތަކަފުލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އަޔާދީ ތަކަފުލްގެ އޮފިޝަލް ވިދާޅުވީ އެ ޕްރޮޑަކްޓް ބެހިގެންވަނީ މައިގަނޑު ތިން ބަޔަކަށް ކަމަށެވެ. އެއީ އަމިއްލަ ގެދޮރުގައި ދިރިއުޅޭ ފަރާތްތަކުގެ ގެދޮރަށް ނުވަތަ އިމާރާތަށްވާ ގެއްލުމާއި އިމާރާތުގައި ހުންނަ ހުރިހާ ތަކެއްޗަށްވާ ގެއްލުމާއި ކުއްޔަށް އުޅޭ ފަރާތްތަކަށް ހާއްސަކޮށް އިންނަ ބަޔަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ތިން މަސް ދުވަހު ބަރާބަރަށް ފައިސާ ދައްކައި އިންޝުއަރެންސް ޕޮލިސީ ނަންގަވައިގެންތިއްބެވި ބޭފުޅުންނަށް އެ ޕްރޮޑަކްޓްގެ ކަވާ ލިބޭނެ ކަމަށެވެ. މަހުން މަހަށް ދައްކަންޖެހެނީ ކިހާވަރެއް ކަމެއް އޮފިޝަލް ހާމައެއް ނުކުރައްވަ އެވެ.
އަޔާދީ ކާރިސާ ތަކަފުލް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ފަހަކަށް އައިސް ގިނަ ހާދިސާތަކެއް ރާއްޖޭގައި ވެސް ހިނގާފައިވާ އިރު، ގިނަ ފަރާތްތަކަށް ލިބުނު ގެއްލުމުން އަރައިގަންނަން އަދިވެސް ދަތިވެފައިވާ ކަމަށެވެ. ނަމަވެސް މިފަދަ އިންޝުއަރެންސް ޕެކޭޖެއްގެ ބޭނުން ހިފައި އިންޝުއާކޮށްފައިވާ ނަމަ އެފަދަ ގެއްލުންތަކުން އަރައިގަންނަން ފަސޭހަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މުދާ އިންޝުއާ ކުރުމަށް މިއަދު ހާއްސަ އިސްކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި ސަރުކާރުން ވެސް މިފަދަ ގެއްލުންތަކުން އަރައިގަނެވޭނެ ފަހިމަގެއް ރައްޔިތުންނަށް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.