26 Dec 2016, 13:43
ސްރީލަންކަންގެ ދަތުރުތައް އޮމާނުން އައްޑޫ ސިޓީގެ ގަމަށް ކުރަން ފަށައިފި އެވެ.
މަސްކަޓު ޑެއިލީ އިން މިއަދު ބުނީ ފުރަތަމަ ފަށާ އިރު. ހަފުތާއަކު ހަތަރު ފްލައިޓް އެ އެއާލައިނުން އޮޕަރޭޓް ކުރާނެ ކަމަށެވެ.
ސްރީލަންކަން އެއާލައިނަކީ ގަމަށް އޮޕަރޭޓް ކުރާ ހަމައެކަނި އިންޓަނޭޝަނަލް އެއާލައިނެވެ. އެ އެއާލައިންގެ ދަތުރުތައް ފުރަތަމަ ފެއްޓީ މި މަހުގެ ފުރަތަމަ ދުވަހު އެވެ.
ސްރީލަންކަންގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނީ، އެއާލައިނުން މަސައްކަތް ކުރަނީ އެއާލައިނަކީ ރާއްޖެ އަށް އޮޕަރޭޓް ކުރާ އެންމެ ވަރުގަދަ އަދި އެންމެ ފުޅާ އެއާލައިން ކަމަށް ހެދުމަށް ކަމަށެވެ.
މަސްކަޓު ނޫހާ ވާހަކަ ދެއްކި، އޯމާންގައި ހުންނަ ސްރީލަންކަންގެ މެނޭޖަރު ވިދާޅުވީ ގަަމު ސަރަހައްދަކީ އަދި އެހާ ބޮޑަށް އަދި ހުޅުވާލާފައިވާ ތަނަކަށް ނުވެފައި، "ރީތި ރާއްޖޭގައި" ޗުއްޓީ ހޭދަކޮށްލުމަށް އައުމަށް އެއީ ރަނުގެ ތަނެއް ކަމަށެވެ. އަދި ބުނީ ލަކްޒަރީ ޓޫރިޒަމުން ފެށިގެން އެންމެ އާދައިގެ ހޮޓާތައް ވެސް އެ ސަރަހައްދުން ލިބެން ހުރި ކަމަށާއި އެ ސަރަހައްދަށް ދާން ބޭނުންވާ ޓޫރިސްޓުންނަށް އައިޓިނަރީ އާއި އަދި އެނޫން ވެސް ދަތުރުފަތުރުގެ ހިދުމަތްތައް އެ އެއާލައިންގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށެވެ.
ގަމަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ސްރީލަންކާ މަގުން މުޅި ދުނިޔެ އަށް ދަތުރު ކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް އެއާލައިނުން ބުންޏެވެ. އެ އެއާލައިންގެ ދަތުރުތައް 47 ގައުމެއްގެ 102 ޑެސްޓިނޭޝަނަކަށް އޮޕަރޭޓް ކުރެ އެވެ.