ޭމަޝްހޫރު ލަވަކިޔުންތެރިޔާ ރ. މީދޫ، ފިނިމާގޭ ހައްވާ އަޝްރާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ދައުލަތުން އުފުލާފައިވާއިރު ދައުވާ ސާފު ނުވާ ކަމަށް ބުނެ އަޝްރާގެ ފަރާތުން ކުރިމަތި ކުރުވި ސުވާލުތަކަށް ދައުލަތަށް ޖަވާބެއް ނުދެވުނެވެ.

އަޝްރާ އަދި އޭނާގެ ލޯބިވެރިޔާ ގ. ޖޫތީގޭ ހަސަން ނަޒީހްގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ނަޒީހު ދިރިއުޅޭ ކޮޓަރީތެރޭން މަސްތުވާތަކެތި ފެނިފައިވާތީ އެވެ.

އެމައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމުން އަޝްރާގެ ވަކީލު ވިދާޅުވީ ދައުވާ ސާފު ނުވާ ކަމަށެވެ. ދައުވާގައި މަސްތުވާތަކެތި ޓްރެފިކް ކުރި ކަމަށް ބުނެފައިވީ ނަމަވެސް އަޝްރާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ކަމަށް ވަކީލު ވިދާޅުވި އެވެ.

އެގޮތުން ކުޑަކަމުދާ ތަކެތި ޓެސްޓުކޮށް މަސްތުވާ ތަކެއްޗަށް ޕޮސިޓިވް ނުވާތީ އަޝްރާ ފުލުހުންގެ ބަންދުން ދޫކޮށްލީ ކަމަށް ވަކީލު ވިދާޅުވި އެވެ. އެހެންކަމުން ތަހުގީގު ނުކުރާ މައްސަލައެއްގައި ދައުވާ ނުކުރެވޭނެ ކަމަށް ވަކީލު ވިދާޅުވި އެވެ. އަޝްރާގެ މައްޗަށް އުފުލާފައިވާ ދައުވާގައި މަސްތުވާތަކެތި ބޭނުން ކުރިކަމަށް ބުނެފައި ނުވާ ކަމަށް ވަކީލު ވަނީ ވިދާޅުވެފަ އެވެ.

ދައުވާއާ ގުޅިގެން އަޝްރާގެ ފަރާތުން ކުރިމަތި ކުރުވި ސުވާލުތަކަށް ދެން އޮންނަ އަޑުއެހުމެއްގައި ޖަވާބުދޭނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އަދި ވިދާޅުވީ ތަހުގީގު ކުރެވުނު ކަންކަން ސާފުކުރުމަށް ތަހުގީގު ކުރި ފަރާތާ ސުވާލުކޮށް ކޯޓު އަމުރު ވެސް ހުށަހަޅާނެ ކަމަށެވެ.

އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ ދައުވާއަށް ޖަވާބު ދާރީ ވެވޭނީ އެމީހެއްގެ މައްޗަށް ކުރެވޭ ތުހުމަތު ސާފުވެގެން ކަމަށެވެ. އަދި ތުހުމަތު ނުކުރެވޭ މައްސައެއްގައި ތަހުގީގެއް ނުކުރެވޭނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ދައުވާގައި ދެން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން މަސްތުވާތަކެތި ފެނުނު ކޮޓަރިއާ އަޝްރާއާ ގުޅުވާފައިވާގޮތާމެދު ވަކީލު ސުވާލު އުފެއްދެވި އެވެ. މަސްތުވާތަކެތި ފެނުނީ ނަޒީހުގެ ކޮޓަރިން ކަމަށްވާ އިރު އޭގެ ޒިންމާ އަޝްރާ ނަގަން ނުޖެހޭނެ ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ. އެއީ އަޝްރާއާ ގުޅުން ހުރި އެއްވެސް ކަމެއް އެ ކޮޓަރިން ފެންނަން ނެތުމުން ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ދައުލުގެ ވަކީލާ ވިދާޅުވީ އެކޮޓަރީގައި އަޝްރާގެ އަންނައުނު ހުރި ކަމަށެވެ. އަދި ފުލުހުން އެކޮޓަރިއަށް ދިޔަ އެތަނުގައި އަޝްރާ ހުރިކަމަށް ދައުލަތުން ބުންޏެވެ.