މެނީލާ (ޑިސެމްބަރު 26): ތޫފާން ނޮކް-ޓެންގެ ނަން ދީފައިވާ ބާރުގަދަ ތޫފާނެއް ފިލިޕީންސްއަށް އަރައި ތިން މީހަކު މަރުވެއްޖެ އެވެ.

ފިލިޕީންސްގެ ވެރިރަށް މެނީލާއާ ދިމާލަށް ތޫފާން މިސްރާބު ޖަހާފައި ވުމުން ސިވިލް ޑިފެންސް އޮފިޝަލުން ވަނީ އެސިޓީގައި ރެޑް އެލާޓް ނެރެފަ އެވެ. މެނީލާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ސިވިލް ޑިފެންސް އޮފީހުން ވަނީ ދީފަ އެވެ.

ފިލިޕީންސްގެ އިރުމަތީ އައްސޭރިފަށުން އެރި ތޫފާނުގެ ބާރު މިހާރު ދަށްވެފައިވީ ނަމަވެސް ގަޑިއަކު 140 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހެމުންދާ ކަމަށް މީޓިއޮރޮލޮޖިސްޓުން ބުނެ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ތޫފާނުގެ އަސަރުކޮށްފައިވާ މެނީލާގެ އިރުދެކުނުގައި އޮންނަ އަލްބޭ ޕްރޮވިންސުން ތިން މީހަކު ވަނީ މަރުވެފަ އެވެ. އަދި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓު ކެނޑިފައިވެ އެވެ.

ހިލޭ އެހީ ފޯރުކޮށްދޭ ޖަމްއިއްޔާއެއް ކަމަށްވާ ސޭވް ދަ ޗިލްޑްރެން އިން ވަނީ ކުރިއަށް އޮތް 24 ގަޑި އިރުތެރޭގައި ގާތްގަނޑަކަށް އެއް މިލިއަން މީހުންނަށް ބޯހިޔާވަހިކަން ބޭނުން ވާނެ ކަމަށް ލަފާކޮށްފަ އެވެ.

ތޫފާން ނޮކް-ޓެން ފިލިޕީންސަށް އެރުމުގެ ކުރިން އެގައުމުގެ ބިންތިރި ސަރަހައްދުތަކުގައި ދިރިއުޅޭ 383,097 އަށް ވުރެ ގިނަ މީހުން ވަނީ ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކޮށްފަ އެވެ.

މިިދިޔަ އޮކްޓޯބަރު މަހު ފިލިޕީންސަށް އެރި ބާރުގަދަ ތޫފާނެއްގައި ހަތަރު މީހަކު މަރުވި އެވެ. (ބީބީސީ)