ގެދޮރު ގަތުމަށް މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ) އިން ދޫކުރާ ލޯނުގެ ޑައުން ޕޭމަންޓަށް ދައްކަން ޖެހޭ 20 ޕަސަންޓް ފައިސާ އަށް ޕެންޝަން ފަންޑުގައިވާ ފައިސާ އިން ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ޕެންޝަން އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަރާތުން އެއެއްބަސްވުމުގައި އެ ބޭންކުގެ މެނޭޖިން ޑައިރެކްޓަރު ހާރިސް ހާރޫން ސޮއިކުރެއްވި އިރު ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ހުސައިން މަނިކެވެ.

އެ އެއްބަސްވުމުގެ ދަށުން، ގެދޮރު ގަތުމަށް ބީއެމްއެލުން ނަގާ ހޯމް ލޯނަށް އަމިއްލައަށް ޚަރަދުކުރަން ޖެހޭ 20 ޕަސަންޓުގެ ތެރޭގައި، ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައި ރައްކާ ކޮށްފައިވާ ފައިސާ ބޭނުން ކުރެވޭނެ އެވެ. ލޯނުގެ މުއްދަތުގައި އެ ފައިސާ ޕެންޝަން އޮފީހުގައި ކޮލަޓަރައިޒް (ރަހުނު) ކުރެވޭނެ ކަމަށް ބޭންކުން ބުނެ އެވެ.

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު ވެސް ޕެންޝަން އޮފީހުން އެއެއްބަސްވުން ހަދާފައިވާ އިރު ކުރިއަށްއޮތް ތަނުގައި އިތުރު ފަރާތްތަކާ އެކު ވެސް އެއްބަސްވުމަށް އައުމަށް ވަނީ ނިންމާފަ އެވެ.