ވޯލްޑް ކަޕް ކޮލިފައިންގައި އީރާނާ ދެކޮޅަށް ދިވެހިން ކުޅެންޖެހޭ މެޗަށް ތައްޔާރު ވުމުގެ ގޮތުން، އަންނަ މަހުގެ 10 ވަނަ ދުވަހު އަވައްޓެރި އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ދިވެހި ޓީމް ކުޅޭ ރަހުމަތްތެރި ކަމުގެ މެޗު ބެލުމަށް އީރާނުގެ ގައުމީ ޓީމުގެ ޓެކްނިކަލް ޓީމެއް މާލެެ އަންނަން މަސައްކަތްކުރާ ކަމަށް އެފްއޭއެމް އިން ބުނެފިވެ.

އެފްއޭއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ، އިރާނުގެ ޤައުމީ ފުޓްބޯޅަ ޓީމްގެ ޓެކްނިކަލް ޓީމެއް މާލެ އަންނަ ކަމަށް ޚަބަރު ލިބިފައި ވާކަމަށާއި އެޓީމް މާލެ އަންނަ ތާރީހު އެފްއޭއެމް އަށް ކަށަވަރު ވެފައި ނުވާކަމަށެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އީރާނާ ދެކޮޅަށް ރާއްޖެ ކުޅެން ޖެހޭ ދެ މެޗަށް ތައްޔާރުވުމަށް ކުޅޭ މެޗު ބަަލަންް އީރާނުގެ ޓެކްނިކަލް ޓީމު މާލެ އައުމުގެ ކުރިން އެ މެޗާ ބެހޭ ތަފްސީލް ދިނުމަށް އީރާނުގެ ފުޓްބޯލް ފެޑެރޭޝަނުން އެދިފައިވާ ކަމަށް ވެސް އެފްއޭއެމްއިން ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އީރާނާ ދެކޮޅަށް ރާއްޖެ ކުޅޭ ފުރަތަމަ ލެގް އަންނަ ޖުލައި މަހުގެ 23 ވަނަ ދުވަހު ތެހެރާނުގައި ކުޅޭއިރު، ދެ ވަނަ މެޗް މާލޭގައި ކުޅުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހު އެވެ.
ވޯލްޑް ކަޕް ކޮލިފައިންނަށް ދިވެހި ޓީމުން ތައްޔާރީތައް ވަމުން އަންނައިރު، ދާދިފަހުން ދިވެހި ޓީމް ވަނީ މި މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ސިންގަޕޫރުގެ ގައުމީ ޓީމާއެކ ުވެސް މެޗެއް ކުޅެފ ައެވެ. މިމަހުގެ ކުރީ ކޮޅު ސިންގަޕޫރާއި ދެކޮޅަށް ކުޅުނު މިމެޗުން ދިވެހި ޓީމް ބަލިވީ 4-0 އިންނެވެ. ވޯލްޑް ކަޕް ކޮލިފައިންގައި މީގެ ކުރިން އީރާނުން ވަނީ ރާއްޖޭ ކޮޅަށް 17 ލަނޑު ޖަހާފަ އެވެ.