ގައުމީ އެއްބައިވަންތަ ކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ އަޒުމް އާކުުރުމަކީ އެންމެންގެ މައްޗަށް އޮތް ގައުމީ ވާޖިބެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހާ ގުޅިގެން ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވެފައި ވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަކީ ރާއްޖެއަށް މިހާތަނަށް ކުރިމަތިވި ގުދުރަތީ އެންމެ ބޮޑު ކާރިސާ ކަމަށެވެ.

އެދުވަހު އެދަނޑިވަޅުގައި ދިވެހިންގެ ފަރާތުން ފެނިގެން ދިޔަ އެއްބައިވަންތަ ކަމަށް ރައީސް ޔާމީން ވަނީ ތައުރީފް ކުރައްވައިފަ އެވެ.

"ސުނާމީ ކާރިސާގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހުނު ދަނޑިވަޅުގައި ފެނިގެންދިޔައީ އަމިއްލަ ފުރާނައަށް ވުރެ އަނެކާގެ ފުރާނަ ސަލާމަތްކުރުމަށް އަޅުގަނޑުމެންދިން އަހަންމިއްޔަތާއި ރައްޔިތުންގެ ރައްކާތެރިކަމަށް ދިން ސަމާލުކަން،" ރައީސް ޔާމީންގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.

އެދުވަހުގެ އެ މަތިވެރި ނަމޫނާއިން އިބްރަތް ހާސިލްކޮށް ގައުމުގެ އެއްބައިވަންތަ ކަމުގެ ގުޅުން އިތުރަށް އާކުރުމަށް ރައީސް ޔާމީން ވަނީ ދިވެހި ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.

ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރަމުންދަނީ 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި، ސުނާމީގެ ހިތާމަވެރި ކާރިސާއާ ގުޅިގެންނެވެ.