ކަރާޗީ، ޕާކިސްތާން (ޑިސެމްބަރު 26) - ޕާކިސްތާނުގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާހިލާފަށް ވަދެ މަސްވެރިކަން ކުރި ކަމުގެ ތުހުމަތުގައި ޕާކިސްތާނުން ހައްޔަރުކޮށް، ޖަލަށްލާފައިވާ އިންޑިއާގެ 220 މަސްވެރިއަކު ޖަލުން ދޫކޮށްލައިފި އެވެ.

އޮސްޓްރޭލިއަން ބްރޯޑް ކާސްޓިން ކޯޕަރޭޝަން (އޭބީސީ) އިން މިއަދު ބުނީ އެ މީހުން މިއަދުގެ ވަގުތެއްގައި އިންޑިއާގެ ރަސްމީ ފަރާތްތަކާ ހަވާލު ކުރާނެ ކަމަށެވެ.

ޕާކިސްތާނުގެ ޖަލުގެ އޮފިޝަލް ޝުނިލް ޝާހު އޭބީސީ އަށް ބުނީ ޕާކިސްތާނުގެ ކަނޑުގެ ސަރަހައްދުން އަހަރެއްހާ ދުވަހުގެ ތެރޭގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ކަމުގެ ތުހުމަތުގައި 500 އިންޑިއާ މީހަކު ހައްޔަރުކޮށް ޕާކިސްތާނުގެ ޖަލުތަކުގައި ތިބި ކަމަށެވެ.

ޝާހު ވިދާޅުވީ ފުރަތަމަ ބެޗުގެ މީހުން ކަރާޗީ ސެންޓްރަލް ޖަލުން މިނިވަން ކުރީ މިދިޔަ ހޮނިހިރު ދުވަހު ކަމަށާއި އަންނަ ހަފުތާގައި 219 މީހަކު މިނިވަން ކުރާނެ ކަމަށެވެ.

ޕާކިސްތާނާއި އިންޑިއާ އިން އެ ދެ ގައުމުގެ މީހުން އެއްގައުމުން އަނެއް ގައުމުގެ ސަރަހައްދަށް ވަނުމުން ހައްޔަރު ކުރުމަކީ ވަރަށް އާންމު ކަމެކެވެ.