26 Dec 2016, 11:38
އދ. ފުށިދިއްގާގައި ރިސޯޓެއް ތަރައްގީ ކުރުމަށް މޯލްޑިވިއާނާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ކަމަށާއި އެހެންކަމުން އެމީހުންނާ ތަން ހަވާލުކޮށްދިނުމަށް އެދި ޓުއަރިޒަމް މިނިސްޓްރީގެ މައްޗަށް ކުރި ދައުވާ ބެލެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ފުށިދިއްގާގައި ރިސޯޓެއް ތަރައްގީ ކުރުމަށް މ. ހަސްތީ އަހްމަދު ޚަލީލާ ވެސް އެމްއެމްޕީއާރުސީން ހަވާލު ކުރި އެވެ.
ހަލީލަށް އެ ރަށް ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ސިވިލް ކޯޓުން ސަރުކާރަށް އަންގާފައިވަނިކޮށް އެމްއެމްޕީއާރުސީ އިން ވަނީ އޮޅުވާލައިގެން 2015 ވަނަ އަހަރު ދެ ކުންފުންޏަކަށް އެ ރަށް ވިއްކާފައި ކަމަށް އޭސީސީ އިން ހާމަކުރި އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި އެދެ ކުންފުނީގެ އަތުން ކޮންމެ ކުންފުންޏަކުން އެއް މިލިއަން ރުފިޔާ ނަގާފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
މޯލްޑިވިއާނާ ގްރޫޕަކީ އޭގެތެރެއިން އެއް ކުންފުންޏެވެ. ސިވިލް ކޯޓުން މިދިއަ ހަފްތާ ކުރި ހުކުމުގައި ބުނެފައި ވަނީ ފުށިދިއްގާ އާ އެކު އެއްބަސްވުން ހެދުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އެ ރަށުގެ މައްޗަށް އޮތް ހަލީލުގެ ހައްގާމެދު ހައިކޯޓުން ފައިސަލާ ކުރަނިވި ހުކުމެއް ކުރަންދެން މޯލްޑިވިއާން ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި މައްސަލަ ބެލެން ނެތް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމުގައިވެ އެވެ.
ހަލީލާ އެކު އެއްބަސްވުން ހެދުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރީ ދައުލަތުންނެވެ.
ހަލީލާ އެކު ފުށިދިއްގާގެ އެއްބަސްވުމުގައި ސޮއިކުރަން ސަރުކާރަށް އަންގައި މިދިިޔަ އަހަރު ސެޕްޓެމްބަރު މަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ސީއެސްއާރް މަޝްރޫއާ އެކު ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލުމަށް 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
އަދި އެނިންމުމާ ގުޅިގެން އެކަމާ ގުޅޭ ގޮތުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިން އިން އެކުލަވާލި އުސޫލާއެއްގޮތްވާ ގޮތުގެމަތިން އދ. ފުށިދިއްގާގައި ރިސޯޓެއް ތަރައްގީކުރަން އަހްމަދު ޚަލީލު ހުށަހެޅުމުން ސަރުކާރުން އެކަން ގަބޫލުކުރިކަން 2011 ޑިސެމްބަރު އަށް ވަނަ ދުވަހު ސިޓީއަކުން އޭނާ އަށް އަންގާފައިވާ ކަމަށެވެ.