ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުން، ދިވެހި ލޯފާމަކަށް ދައްކަން ޖެހޭ ދެހާހަށް ވުރެ ގިނަ ޑޮލަރު ނުދައްކައިގެން އެ ފައިސާ ދައްކަން އެމެރިކާ މީހެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ވަކީލު ޗަމްބާސް އެލް އެލް ޕީގެ ނަމުގައި ހިންގާ އެ ލޯފާމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޖޯން ޗާލްސް ސޭފާޓްގެ މައްޗަށް ދައުވާ ކުރީ އެ ފާމާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުން ދައްކަން ބުނި ފައިސާ ނުދައްކާތީ އެވެ.

ވަކީލު ޗަމްބާސް އިން ކުރި ދައުވާގައި ބުނެފައި ވަނީ އެ ފާމުން ފޯރުކޮށްދިން ގާނޫނީ އެހީތެރިކަމަށް ދައްކަންޖެހޭ 2523 ޑޮލަރު ނުދައްކާ ކަމަށެވެ.

އެމައްސަލަ ބަލައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ އެ ފައިސާއަކީ ވަކީލު ޗަމްބާސް އެލް އެލްޕީ އަށް ޖޯން ދައްކަން ޖެހި ނުދައްކާ ހުރި ފައިސާކަން ޝަރީއަތަށް ހުށަހެޅި ހެކިތަކުން ސާބިތުވާ ކަމަށެވެ.

އެހެންކަމުން އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށް ޖޯންގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.