ދިރާގު ދިވެހި ލީގުގެ ދެ ވަނަ މަޤާމުގައި އޮތުމުން، ޓީމަށް ވަކި ފައިދާއެއް ނެތް ކަމަށާއި މިހާރު ތާވާލްގައި އޮތް ގޮތުން ޓީމަށް ބޮޑު ޕްރެޝަރެއް އެބޮތް ކަމަށް ވިކްޓަރީގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

ރޭ އޭވައިއެލް އާއި ބައްދަލުކޮށް 5-1 އިން މޮޅުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސުޒޭން ބުނީ، ރޭ ވިކްޓަރީ ކުޅުނު މެޗާމެދު ވަރަށް ހިތް ހަމަޖެހޭ ކަމަށެވެ. ނަމަވެސް މެޗުން މޮޅުވެ ތާވަލްގެ ދެވަނަ މަޤާމުގައި ޓީމު އޮތުމުން ކުރާނެ ވަކި ފައިދާއެއް ނެތް ކަމަށާއި ބަދަލުގައި އޮތީ ބޮޑު ޕްރެޝަރު ކަމަށެވެ.

ތާވަލްގެ ދެވަނާގައި މިވަގުތު 23 ޕޮއިންޓައެކު ވިކްޓަރީ އޮތް އިރު، ރޭގެ މެޗްގައި އަލަށް ނުކުތް ހުރިހާ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ކަމަށް ވެސް ސުޒޭން ބުންޏެވެ. ކޯޗް ސުޒޭން ވަނީ އިސްމާއިލް މަމްދޫހު އާއި އަލީ ނަވާއު އަދި ގޯލް ކީޕަރު މުހައްމަދު ނިޝާހާއި އަދުހަމްގެ ކުޅުމަށް ތައުރީފުކޮށްފަ އެވެ.

"ޓީމްގެ ކުޅުން ވަރަށް ރަނގަޅު. ތާވަލްގެ ދެވަނާގައި ޓީމް އޮތް އިރު، ދެން ޓީމްގެ ފަހަތުން ވިކްޓަރީއާ ވާދަ ކުރާނެ ޓީމަކަށް އޮތް ޓީމަކީ ބަލި ޓީމެއް ނޫން. ނިއު އަކީ ވެސް މޮޅު ޓީމެއް. ނިއުރޭޑިއަންޓާއެކު ކުޅުމަށް ވަކި ވިކްޓަރީއަށް އުނދަގޫ ވަނީއެއް ނޫން. އެކަމަކު ވެސް ދެން ވަރަށް ވާދަ ވެރިވާނެ،" ރޭގެ މެޗަށް ފަހު ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ، ލީގުގައި އެންމެ ފަހުން ވީބީއާއި ނިއު ކުޅުނު މެޗް، ނިއު އިން ކާމިޔާބު ކުރުމަކީ ވީބީގެ މައްޗަށް ނިއުއިން ހޯދި ރަނަގޅު ކާމިޔާބީއެއް ކަމަށެވެ. އެހެންނަމަވެސް ލީގު މިހާރު އޮތް ގޮތުން ނިއު އާއި ވިކްޓަރީ ވާދަކުރާންޖެހޭ ކަމަށާއި އޭރުން ލީގުގެ ފޯރި ގަދަވާނެ ކަމަށް ޤަބޫލް ކުރެވޭ ކަމަށެވެ.

ވިކްޓަރީއާއި ވާދަކޮށް ރޭގެ މެޗުން ބަލިވި އޭވައިއެލްގެ ކޯޗު އަހުމަދު ނާޝިދު )ނާދު( ބުނީ، މެޗަށް ނުކުތީ ޓީމްގެ ފުލް ސްކޮޑް ނުހިމަނާ ކަމަށެވެ. މެޗުން ބަލިވުމުގައި އެންމެ ބޮޑު ހުރަހަކަށްވީ ޓީމްގެ ޑިފެންސް ލައިން ބަލިކަށިވުން ކަމަށް ވެސް ނާދުން ބުންޏެވެ.

"މެޗުގެ ކުރިން ދެ ޑިފެންޑަރުން، ނުކުޅެވޭނެ ކަމަށް ބުނި. އޭގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވި. އެ މަގާމަށް ކުޅުންތެރިޔަކު ނެގީ އެންމެ ފަހު ވަގުތަށް ބަލާފައި. ދެ ޑިފެންޑަރުން ނުކުޅޭނަމޭ ބުނީ ކޮންމެ ހެން ނުކުޅޭކަށެއް ނޫން. އެއީ އ ެދެކުޅުން ތެރިން ބަލިވެގެން،" ކޯޗް ނާދު ބުންޏެވެ.