ޓޯކިޔޯ (ޑިސެމްބަރު 26) : ޕެސިފިކް ކަނޑުގައި ޗައިނާ އަސްކަރީ ގޮތުން ބާރުގަދަ ކުރަމުންގެންދާ ކަމަށް ޖަޕާނުން ތުހުމަތުކޮށްފި އެވެ.

ޖަޕާން ސަރުކާރުގެ ރަސްމީ ތަރްޖަމާން ޔުޝިހިދީ ސޫޖާ ވިދާޅުވީ ޗައިނާގެ ކަނޑުގެ ފްލީޓެއް ޕެސިފިކް ކަނޑުގައި ބުރުޖަހަމުން ގެންދާކަމަށާއި މި ފްލީޓް ލީޑް ކުރަނީ ޗައިނާގެ މަތިންދާބޯޓު އުފުލާ މަނަވަރެއް ކަމުގަ އެވެ. މިއީ ޕެސިފިކް ކަނޑުގައި އަސްކަރީ ގޮތުން ބާރުގަދަ ކުރުމަށް ޗައިނާ ރާވަމުންގެންދާ ރޭވުންތަކެއް ތަންފީޒުކުރުން ކަމުގައި ބެލެވޭ ކަމަށް ޔުޝިހީދީ ވިދާޅުވި އެވެ.

ޗައިނާ އިން ވަނީ އެގައުމުގެ ކަނޑުގެ ސިފައިންގެ ފްލީޓެއް ޕެސިފިކް ކަނޑުގައި މަތިންދާބޯޓު އުފުލާ މަނަވަރަކާ އެކު އަސްކަރީ ތަމްރީންތަކެއް ކުރަމުންގެންދާކަން ހާމަކޮށްފަ އެވެ. މިއީ ޗައިނާ ސިފައިންނަށާއި ޕެސިފިކް ކަނޑުގައިވާ ޗައިނާގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށް ކޮންމެހެން ބޭނުންވާ ތަމްރީންތަކެއްކަމަށް ވެސް ޗައިނާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕެސިފިކް ކަނޑުގައި ޗައިނާ އަސްކަރީ ގޮތުން ބާރުގަދަ ކުރަމުންގެންދާ މައްސަލާގައި ޖަޕާނާއި އެމެރިކާ ވަނީ ކަންބޮޑުވެފަ އެވެ. އަދި ޗައިނާގެ ހަރަކާތްތައް އެދެގައުމުން ވަރަށް ގާތުން ބަލަމުން ގެންދާކަމަށް ވެ އެވެ. ދުނިޔޭގެ ވިޔަފާރިއާއި އުފެއްދުންތެރިކަމާއި ސިނާއަތުގެ މައި މަރުކަޒެއްގެ ގޮތުގައި ޔޫރަޕްގެ ބަދަލުގައި އޭޝިޔާއާއި އޭޝިޔާ ޕެސިފިކް ސަރަހައްދު ވަމުންދާއިރު އެމެރިކާ ވެސް ވަނީ އެގައުމުގެ އަސްކަރީ މައި ބާރުތަކާއި މައި ބޭސްތައް އޭޝިޔާ ސަރަހައްދުތަކަށް ބަދަލުކުރަމުން ގެންދާކަން ހާމަކޮށްފަ އެވެ. މިކަން ދިހައަހަރު ތެރޭގައި ކުރުމުގެ ޕްލޭނެއް ވެސް އެމެރިކާ ވަނީ އެކުލަވާލާފައެވެ.

މި ޕްލޭންގެ ދަށުން އެމެރިކާ ގެންދަނީ އޮސްޓްރޭލިޔާގައާއި ޕެސިފިކްގެ ބައެއް ގައުމުތަކުގައި އެމެރިކާގެ އަސްކަރީ ވުޖޫދު ވަރުގަދަ ކުރަމުންނެވެ. ޖަޕާނަކީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު ވެސް ޗައިނާއާ ގުޅުންތައް ރަނގަނޅު ގައުމެއް ނޫނެވެ. ޖަޕާނަކީ އަބަދު ވެސް ޗައިނާގެ އަސްކަރީ ކުރިއެރުންތަކާ މެދު ޝައްކުގެ ނަޒަރަކުން ބަލާ ގައުމެކެވެ.

ޖަޕާނުންވަނީ އެގައުމުގެ އަސްކަރީ ބަޖެޓް (އަންނަ އަހަރުގެ) ވަރަށް ބޮޑުތަން ބޮޑުކޮށްފަ އެވެ. މިއީ ދެކުނު ޗައިނާ ކަނޑުގައާއި ޕެސިފިކް ކަނޑުގައި އަސްކަރީ ގޮތުން ބާރުގަދަ ކުރުމަށް ޗައިނާ ކުރަމުންގެންދާ މަސައްކަތްތަކާ ގުޅިފައިވާ ކަމެއްކަމަށް ބެލެވޭކަމަށް މުރާސިލުން ބުނެ އެވެ. (ރޮއިޓާސް)