26 Dec 2016, 09:34
މިދުވަސްކޮޅު މާލޭގައި ވައްކަމާއި ފޭރުމުގެ ކަންކަން ހިނގަމުންދާތީ އެކަންކަމުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
މިދުވަސްވަރަކީ ކޮންމެ އަހަރަކު ވެސް ވައްކަންތައް އިތުރު ދުވަސް ކޮޅަކަށްވާ އިރު ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް ހުސައިން ސަމީރު ސަން އަށް ވިދާޅުވީ މިހާރަކަށް އައިސް ވައްކަމާއި ފޭރުންތައް ހިންގަމުންދާ ކަމަށެވެ. އެކަންކަމަށް ސަމާލުވެ ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.
"މަގުމަތީގައި ހިނގާފައިދާ އިރު އަތްދަބަސް ނުވަތަ ފޯން ފަދަ ތަކެތި ވަރަށް އާދައިގެ ގޮތަކަށް ބައެއް ފަރާތްތަކުން ގެންގުޅެ، ސަމާލުކަން ނުދިނުމުގެ ސަބަބުން ފޭރޭ މީހުންނަށް އެބަ ފުރުސަތު ބޮޑުވެގެންދޭ،" ސަމީރު ވިދާޅުވި އެވެ.
ފޭރޭ މީހުންނަށް ފުރުސަތު ނުދޭގޮތަށް އަމަލުތައް ބަހައްޓަން ޖެހޭ ކަމަށާއި ގޭގޭ ރަނގަޅަށް ތަޅުނުލާ ހުރުމުގެ ސަބަބުން ވަގުންނަށް ފުރުސަތުތައް ލިބެމުންދާތީ އެކަންކަން ހުއްޓުވުމަށް އެކަންކަމަށް ސަމާލުކަން ދީގެން ފުރުސަތުތައް ބަންދުކުރަން ޖެހޭ ކަމަށް ސަމީރު ވިދާޅުވި އެވެ.
މިދުވަސްކޮޅުތެރޭގައި ބޮޑު ވައްކަމެއް ނުހިނގި ނަމަވެސް ފޭރުމާއި ވައްކަންތަކުގެ މައްސަލަތައް ފުލުހުންނަށް ހުށައެޅެމުން އަންނަ ކަމަށް ސަމީރު ވިދާޅުވި އެވެ.
މިދުވަސްވަރު މާލޭގެ ހަލަބޮލިކަމުގެ ސަބަބުން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ފުލުހުން ނެރެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.