ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާކޮށި ކައިރީގައި ޖެކް ޕޮއިންޓެއް ޖަހައިގެން ވެހިކަލް ޗެކްކުރުމުގެ މަސައްކަތްކުރަމުން ދިޔަ ފުލުހެއްގެ ގައިގާ ސައިކަލުން ޖައްސައި ފިލައިގެންދިޔަ މީހާ ހައްޔަރުކޮށްފި އެވެ.

އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިއަދު މެންދުރު އެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް، އުމުރުން 18 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އެ މައްސަލަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ރޭ 9:45 ހާއިރު ހާއިރު ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ސައިކަލް މަޑުކުރަން އެންގުމުން މަޑުނުކޮށް ގޮސް ފުލުސް މީހާގެ ގައިގާ ޖެއްސުމުގެ ސަބަބުން ފުލުސް މީހާގެ ކަނާތު ފައިގެ ކުޑަހުޅު ނެއްޓި ކަށިގަނޑުން ބައެއް ބިންދައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ވަނީ ވެފަ އެވެ.

ސައިކަލުން ޖެއްސުމުގެ ސަބަބުން އަނިޔާވެފައި ވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ޕޮލިސް ކޮންސްޓަބަލް އަލީ ރިފާއު އެވެ.

ރިފާއު އަށް އައިޖީއެމް ހޮސްޕިޓަލުން ފަރުވާދެމުންދާއިރު، އިތުރު ފަރުވާއަށް އިންޑިޔާއަށް ފޮނުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.