26 Dec 2016, 01:11
މާލެ އިން ބޭރުގައި ގާއިމު ކުރެވުނު އިކޮނޮމިކް މިނިސްޓްރީގެ ފުރަތަމަ ގޮފި، އައްޑޫ ސިޓީގައި މިއަދު ހުޅުވައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ އައްޑޫ ގޮފި ހުޅުވައިދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
ގޮފި ހުޅުވައިދެއްވުމަށް ފަހު ދެއްކެވި ވާހަކައިގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ވިޔަފާރި ތަރައްގީކޮށް ސަރުކާރުންދޭން ޖެހޭ އެއްބާރުލުން އެންމެ ކައިރިން ދިނުން ކަމަށެވެ.
މިނިސްޓްރީގެ އައްޑޫ ގޮފިން، މިހާރު ވެސް އިކޮނޮމިކް މިނިސްޓްރީން ދެމުން އަންނަ ގިނަ ޚިދުމަތްތައް ލިބެން ހުންނާނެ ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ދެތިން މަހެއްގެ ތެރޭގައި މިނިސްޓްރީގެ ހުރިހާ ހިދުމަތެއް ވެސް އައްޑޫ ގޮފިން ލިބޭނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީގެ އައްޑޫ ގޮފި ހާއްސަ ކޮށްފައި ވަނީ ދެކުނުގެ އަތޮޅުތަކަށެވެ. އެ ގޮފިން ސަރުކާރުގެ ތިން އިދާރާއަކުން ދެމުން އަންނަ ހިދުމަތްތައް ލިބެން ހުންނާނެ އެވެ. އެއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޓްރާންސްޕޯޓް އޮތޯރިޓީއާއި، އަދި ދެކުނުގެ ބިޒްނަސް ސެންޓަރެވެ.