25 Dec 2016, 23:14
މި މަހުގެ 24 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ށ. ޅައިމަގުގައި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ހަލީމާ އާދަމްގެ މޫނަށް ޖަހާފައި ވަނީ ލައްފިލުވާ ކަމަށާއި، ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ހަލީމާގެ މޫނަށް ލައްފިލުވާ ޖެހި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހަމަ އެ ދުވަހު ތުހުމަތު ކުރެވޭ ދެމީހަކު ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ ދެ މީހުން ހައްޔަރުކޮށް، ކަން ހިނގާފައިވާ ގޮތް މިހާރު ތަހުގީގަށް ހޯދިފައިވާ ކަމަށާއި، މައްސަލައިގެ ތަހުގީގު ނިންމައި އަވަސް މުއްދަތެއްގެ ތެރޭގައި ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 21 ފިރިހެނެކެވެ.
އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ށ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް މުއްދަތު ދީފަ އެވެ. އެގޮތުން 23 އަހަރުގެ މީހާއަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 21 އަހަރުގެ މީހާއަށްވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން ބުނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި އެފަދަ އަމަލުތައް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.