ޏ. ފުވައްމުލަކުގައި ކުޑަ އަންހެން ކުއްޖަކު ބަނދެގެން އެކި ފަހަރު މަތިން ޖިންސީ ހާނީއްކަ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 41 އަހަރުގެ މީހާގެ މައްޗަށް ފުވައްމުލަކު ކޯޓުގައި މިއަދު ޝަރީޢަތް ކުރަން ފަށައިފި އެވެ.

ކުޑަ އަންހެން ކުއްޖަކު ބަނދެ، އެ ކުއްޖާ އަށް އެކިފަހަރު މަތިން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ފުވައްމުލަކު ވައިގޭ މުހައްމަދު މުޚުތާރު ހައްޔަރު ކުރީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ހިންގާ ޝަރީއަތް ފެށި ނަމަވެސް ޝަރީއަތުގެ އަޑު އެހުމުގައި މިއަދު ހިނގައިދިޔަ ކަންތައްތައް އެ ރަށު ކޯޓުން އޮޅުން ފިލުވައިދީފައެއް ނުވެއެވެ. ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި މިއަދު އޮތް އަޑު އެހުމުގައި ވައިގޭ މުހުތާރަށް ވަނީ ވަނީ ވަކީލަކު ބޭނުންވާ ކަމަށްވާނަމަ އެ ފުރުސަތު ދީފަ އެވެ.

މުޚުތާރުގެ ޝަރީޢަތް މިއަދު ފެށިއިރު އެ މައްސަލައިގައި އޭނާ ހައްޔަރު ކުރަން އުޅުމުން ފުލުހުންގެ ވާޖިބަށް ހުރަސް އެޅި އޭނާގެ ތިން ދަރިންގެ ތެރެއިން އެކަކު ހަ މަހަށް ޖަލަށް ލުމަށް އަދި އަނެއް ދެ މީހުން ޖޫރިމަނާ ކުރަން މީގެ ތިން ހަފުތާ ކުރިން ފުވައްމުލަކު ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށް ސާބިތުވެގެން ހަ މަހަށް ޖަލަށް ލުމަށް ހުކުމްކުރީ މުހުތާރުގެ ދަރިންގެ ތެރެއިން އުމުރުން 20 އަހަރުގެ އަހުމަދު މުސްލިމެވެ. އެ ޝަރީއަތުގައި 12،00ރ. އިން ޖޫރިމަނާ ކުރީ މުސްލިމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އިބްރާހިމް މުފްލިހް 18، އާއި 18 އަހަރު ނުފުރޭ އޭނާގެ ކޮއްކޮ އެވެ.
މުސްލިމާއި މުފްލިހަކީ ތަފާތު ކުށްކުށުގައި މީގެ ކުރިން ވެސް ހައްޔަރު ކޮށްފައިވާ ދެބައިންނެވެ. އޭގެ ތެރެއިން އެކަކު ފުވައްމުލަކު ދެމަފިރިއަކު ސައިކަލެއްގައި ދަނިކޮށް އަންހެން މީހާ ހިފަހައްޓައި ރޭޕްކުރި ކަމުގެ ތުހުމަތުގައި ވެސް ހައްޔަރު ކުރި އެވެ.