25 Dec 2016, 21:10
މާލޭގެ ގެތަކުން ކުނި އުކާލަ ދިނުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ފަށައިފި އެވެ.
މިއަދު ފަށައިފައި ވަނީ ގޭގެއިން ކުނި އުކާލުމުގެ މަޝްރޫއުގެ ފުރަތަމަ ބުރެވެ. އެގޮތުން ކުނި އުކާލުމުގެ މަސައްކަތް ވެމްކޯ އިން ފަށާފައި ވަނީ މިއަދު އިރުއޮއްސި ހައެއް ޖެހި އިރު ހެންވޭރު ކަލާފާނު ސްކޫލް ހިމެނޭ ކޮށިންނެވެ.
މާލެ 10 ޒޯނަކަށް ބަހާލައިގެން ކުނި ކަލެކްޓު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައި ވާއިރު، މިއަދު ކުނި ކަލެކްޓު ކޮށްފައި ވަނީ ޒޯން އެކެއްގެ ގެތަކުންނެވެ.
އަންނަ ޖޫން މަހާ ހަމައަށް އެ މަސައްކަތް މުޅި މާލެ އަށް ފުޅާ ކުރާނެ ކަމަށް ވެމްކޯ އިން ބުނެ އެވެ.
މާލޭގައި ގޭބިސީތަކުގައި އުފެދޭ ކުނި އުކާލުމުގައި ގިނައިން ހަރަކާތްތެރި ވަނީ ވަކިވަކި ބިދޭސީންނެވެ. ނަމަވެސް ވެމްކޯ މެދުވެރިކޮށް، ހަރުދަނާ އުސޫލެއްގެ ދަށުން ކުނި އުކާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް، އެ ހިދުމަތަށް ރަޖިސްޓްރީ ވާން ހުޅުވާލީ މިދިޔަ މަހު އެވެ.
ވެމްކޯ އިން ބުނީ އެ މުއްދަތުގައި 51 ގޭބިސީއަކުން ހިދުމަތަށް އެދި ރަޖިސްޓްރީވެފައިވާ ކަމަށެވެ. ވެމްކޯ އިން ކުނި އުކާލުމުގެ ހިދުމަތް ދޭނީ އެ ހިދުމަތަށް އެދި ރަޖިސްޓްރީ ކުރާ ގޭބިސީތަކަށެވެ.
ވެމްކޯއިން ކުނި އުކާލައިދޭނެ އަގުތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އިމާރާތަކުން ކުނި ނަގާނަމަ މަހަކަށް 100 ރުފިޔާ އަދި ވަކިވަކި ގޭބިސީ ތަކުން ކުނި ނަގާނަމަ މަހަކަށް 150 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. ވެމްކޯއިން ބުނީ އިމާރާތް މާނަކޮށްފައި އެ ވަނީ އިމާރާތުގެ ތިރިއަށް ނެރެފައި ހުންނަ ކުނި ނެގުމަށް ކަމަށެވެ. އަދި ގޭބިސީތައް މާނަކޮށްފައި އެވަނީ ކޮންމެ ބަޔަކު ދިރިއުޅޭ އެޕާޓްމެންޓަކުން ވަކިވަކިން އަރައި، ކުނި ނެގުމަށް ކަމަށެވެ.
ވެމްކޯ އިން މިއަދު ކުނި ކަލެކްޓު ކުރަން ފެށީ ނަމަވެސް، މިހާރު ކުރިއަށް ދަނީ ޓެސްޓު ކުރުމުގެ ބައެވެ. ވެމްކޯ އިން ބުނީ ޕްރޮގްރާމަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި، އަންނަ މަހުން ފެށިގެން ގޭބިސީތަކުގެ އަދަދު އިތުރުކުރާނެ ކަމަށެވެ.
ގޭގެއިން ކުނި އުކާލަދިނުމުގެ ޕްރޮޖެކްޓުގެ އިތުރުން ވެމްކޯ އިން މިހާރު ވަނީ ތިލަފުށީގައި ކުނި އަންދާ އެންދުން ނިމުމަކަށް ގެނައުމަށް 100 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށަން ތައްޔާރުވެފަ އެވެ.