ޗިލީގެ ޕުއެޓޯ މޮންޓްގެ ހުޅަނގު ދެކުނުން 225 ކިލޯމީޓަރު ދުރަށް 7.7 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނެފި އެވެ.

ބިން ހެލުން އައިސްފައި ވަނީ 15 ކިލޯމީޓަރު އަޑިންނެވެ.

އެ ބިންހެލުމާ ގުޅިގެން ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވަނީ ބިންހެލުން އައި ސަރަހައްދުން ފެށިގެން 1000 ކިލޯމީޓަރުގެ ހިސާބަކަށް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ސުނާމީގެ އިންޒާރާ އެކު ޗިލީގެ ނެޝަނަލް އެމަޖެންސީ އޮފީހުން ވަނީ ލޮސް ލާގޮސްގެ ކޯސްޓަލް ސަރަހައްދުތަކުން މީހުން ނެރުމަށް އަންގައިފަ އެވެ.

ރައްކާތަރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބިންހެލުން އައި ހިސާބާއި ކައިރި ހަތަރު ސަރަހައްދަކުން މީހުން ނެރެ، ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށް އަންގައިފަ އެވެ.