25 Dec 2016, 19:01
ށ. ޅައިމަގު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ހަލީމާ އާދަމްގެ މޫނަށް ކެމިކަލް ޖެހި މައްސަލަ ތަހުގީގު ކޮށް، ހަލީމާ އަށް ހަމަލާ ދިން ފަރާތެއް ހޯދައި، އިންސާފުވެރި ޝަރީއަތެއް ކުރިއަށް ގެންދިއުމަށް ެިއަންހެނުންގެ ހައްގުތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ ޖަމާއަތްތަކުން ގޮވާލައިފި އެވެ.
އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ އިރު، މައްސަލަ އާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ހަލީމާ އަށް ހަމަލާ ދިން މީހާ އޭނާ އަށް އެނގޭ ކަމަށް ބުނެ، އޭނާ އާ ހަވާލާދީ އެރަށު ކައުންސިލުން ވަނީ ބައެއް މީޑިއާ ތަކަށް މައުލޫމާތު ދީފަ އެވެ. ނަމަވެސް ފުރާނަ އަށް ބިރުން، އެއީ ކާކުކަން ހާމަކުރަން ހަލީމާ ޖެހިލުން ވާކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެކަން ފާހަގަކޮށް އެންޖީއޯ ތަކުން ވަނީ، އެފަދަ ހާލަތަކަށް ހަލީމާ ދިއުމަކީ މުޅި ދިވެހި މުޖުތަމައަށް ލިބޭ ނިކަމެތި ކަމެއް ކަމުގައި ސިފަކޮށްފަ އެވެ.
"ހަލީމާ އާދަމް އަށް ހަމަލާ ދިން ފަރާތެއް ހޯދައި، ހާދިސާ ތަހުގީގުކޮށް، އިންސާފުވެރި ޝަރީއަތެއް ހިންގުމަކީ ދިވެހި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަށަވަރު ކޮށްދެއްވަންޖެހޭ ކަންތައްތައްކަން ވެސް ފާހަގަ ކުރަމެވެ." ބަޔާނުގައިވެ އެވެ.
އަދި އެފަދަ ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށްހަރުދަނާ ކުރުމަކީ ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް ވެސް އެންޖީއޯތަކުން ވަނީ ފާހަގަކޮށްފަ އެވެ.
"ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ އަންހެނެއްގެ ވެސް ހައްޓާއި ފުރާނައިގެ ރައްކާތެރިކަމާއި، މިނިވަން މާހައުލެއްގައި މަސައްކަތްކޮށް ދިރިއުޅުމަކީ ގާނޫނު އަސާސީގެ ދަށުން ދަށުން ޔަގީންކޮށްދީފައިވާ އިންސާނީ ހައްގުތަކަށް ވީހިނދު، އެ ހައްގުތައް ފަހިކޮށްދީ، އެއިން ހައްގެއް ނިގުޅައި ނުގަނެވޭނޭކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް އޮތް ފުސްތީރީ ވާޖިބެކެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެންޖީއޯ ތަކުން ވަނީ ދިވެހި މުޖުތަމައުގައި އަންހެނުންނަށް ކުރިމަތިވަމުން އަންނަ އަނިޔާވެރި ޖަރީމާތައް ހުއްޓުވައި، އެފަދަ ޖަރީމާތައް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި އިންސާފު ކުރުމަށް ރާއްޖޭގައި އަދުލު އިންސާފު ގާއިމު ކުރުމުގެ ޒިންމާ އޮތް އެންމެހައި ފަރާތްތަކަށް ގޮވާލައިފަ އެވެ.