އައުގްސްބާގް (ޑިސެމްބަރު 25): ޖަރުމަނުގެ ދެކުނުގައި އޮންނަ އައުގްސްބާގުން ފެނުނު ބޮމެއް ޑިފިއުޒް ކުރުމަށް އެސިޓީގެ 50،000ށް ވުރެ ގިނަ މީހުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކޮށްފި އެވެ.

އެބޮމަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިނގިރޭސިވިލާތުން އައުގުސްބާގަށް ދިން ވައިގެ ހަމަލާތަކުގެ ތެރެއިން އެސިޓީއަށް ވެއްޓި 1.8 ޓަނުގެ ބޮމެއް ކަމަށް ރިޕޯޓުތަކުގައިވެ. އަދި އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ބޮމެއް ޑިފިއުޒް ކުރުމަށް ސަލާމަތީ ސަރަހައްދަކަށް ބަދަލު ކުރި އެންމެ ގިނަ އަދަދެއްގެ މީހުން ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.

އެ ބޮން ފެނިފައި ވަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރަން އުޅުމުގެ ތެރޭގަ އެވެ. ބޮން ފެނުނު ސަރަހައްދުގެ ވަށައިގެން 1.5 ކިލޯމީޓަރަށް ވުރެ ކައިރީގައި ދިރިއުޅޭ ހުރިހާ އާއިލާތަށް ސަލާމަތީ ސަރަހައްދުތަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ނަމަވެސް ބޮން ޑިފިއުޒް ކުރުމަށް ފަހު، އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އަނބުރާ ގެޔަށް އާދެވޭނީ ކިހާ އިރަކުން ކަމެއް ފުލުހުން ބުނެފައި ނުވެ އެވެ.

މީގެ ކުރިން 2011 ވަނަ އަހަރު ޖަރުމަނުގެ އެހެން ސިޓީއަކުން ފެނުނު ދެވަނަ ބޮޑު ހަނގުރާމައިގެ ބޮމެއް ޑިފިއުޒް ކުރުމަށް އެސިޓީގެ ގާތްގަނޑަކަށް 45،000 މީހުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކޮށްފައިވެ އެވެ. (ބީބީސީ)