ފެނައިކައިން ރަށްރަށުގައި ގާއިމްކޮށްފައިވާ އިންޖީނުތަކަށް ޑީސަލް ގަތުމަށް ކުރާ ހަރަދު އަންނަ އަހަރުގެ ތެރޭގައި ތިންބައިކުޅަ އެއް ބަޔަށް ކުޑަކުރައްވާނޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ 100 މީހަކަށް ވަޒީފާ ހަމަޖައްސައި އެކަމުގެ ލިޔުން ހަވާލުކުރުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ޝަރީފް ވިދާޅުވީ، އެ ކުންފުނީގެ އާމްދަނީގެ ދެބައިކުޅަ އެއްބައި ހަރަދުކުރަމުން ދަނީ އިންޖީނުތަކަށް ބޭނުންވާ ތެޔޮ ގަތުމަށް ކަމަށެވެ.

އެގޮތުން ތެޔޮ ގަތުމާ ގުޅޭ ދިރާސާއެއް ހެދި އިރު، ސަޕްލަޔަރުންނާއި އިންޖީނުތަކާ ގުޅިފައި އޮންނަ "ހޮޅިތަކުން ލީކު ވަމުންދާ" ކަމަށާއި އެކަން ހައްލުކުރުމަށް އަންނަ އަހަރުގެ ތެރޭގައި ފިޔަވަޅުތަކެއް އަޅުއްވާނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިރާސާތައް ހަދާލާއިރުގައި އަޅުނގަޑުމެންނަށް ތެޔޮ ސަޕްލައިކޮށްދޭ ފަރާތްތަކާއި އިންޖީނުތަކާ ގުޅިފައި ހުރި ހޮޅިތަކުން ނޭދެވޭ ގޮތުގައި ލީކުވަމުންދޭ. އެ ލީކްތައް ބެއްދުމަށް ޓަކައި ޖެނުއަރީ މަހުން ފެށިގެން މަސައްކަތްތައް ފަށާނަން. ދެހާސް ސަތާރަ ވަނަ އަހަރުގެ ތެރޭގައި އާމްދަނީގެ ތިންބައިކުޅަ އެއްބައި ސަލާމަތްކުރެވޭނެ. އެކަންތައްތައް ރާވަމުން މިދަނީ،" ޝަރީފް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ 100 މީހަކަށް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ވަޒީފާ ހަމަޖައްސަވައި ދެއްވުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނަމަވެސް ތެލަށް ހަރަދުވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ގެންނަވަން ނިންމަވާފައިވާ ބަދަލުތަކެއް އޭނާ ހިއްސައެއް ނުކުރައްވަ އެވެ.

ޝަރީފް ވިދާޅުވީ، ފެނަކައިން ކުރިން މަސައްކަތް ކުރަމުންއައީ ދުވަހުން ދުވަހަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ކަމަށެވެ. ނަމަވެސް ފެނަކަ މިހާރަށް ވުރެ ހަރަދުނާކުރުމުގެ ގޮތުން ފަސް އަހަރުގެ ދުވަހުގެ ބިޒްނަސް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން، ހަމައެކަނި ހިދުމަތް ދިނުމަށް އޮތް އޮތުން ބަދަލުކޮށް ކުންފުނި ތެރޭގައި އެ ވަސީލަތްތައް ގާއިމްކުރުމަށް މަސައްކަތްކުރަމުންދާ ކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، ވޭތުވެ ދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އުފައްދާފައިވާ ވަސީލަތްތަކުން ފަސް ނަރުދަމާއެއްގެ ޑިޒައިންކުރަމުން ގެންދަވާ ކަމަށެވެ.