ބްރޯޑްކާސްޓް މީޑީއަމްތައް ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުން ހެލްތު އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދޭނެ ފަރާތެއް ހޯދުމަށް އެކޮމިޝަނުން އިއުލާންކޮށްފި އެވެ.

ބްރޯޑް ކާސްޓިން ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުން ބައިވެރިކުރަނީ ރާއްޖޭން ލިބެން ހުރި ކޮން ފެންވަރެއްގެ އިންޝުއަރެންސް ސްކީމެއްގައިތޯ ދެންނެވުމުން ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޝަހީބު މިއަދު ވިދާޅުވީ އިއުލާންކޮށްފައި އެ ވަނީ ވަކި ފެންވަރެއްގެ ސްކީމެއްގައި ބައިވެރި ކުރުމަށް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް ބަޖެޓް ލިބޭ ވަރަށް ބަލާފައި އެކަންތައްތައް ހަމަޖެހޭނީ. އެއީ ސަރުކާރުގެ އުސޫލުތަކާ އެއެއްޗެހި ހުންނަ ގޮތަކަށް ބަލާފައި. ވަކިފެންވަރެއް ނޫން އެއިކީ،" ޝަހީބު ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުން ހެލްތު އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައި ވާއިރު އެކޮމިޝަނަށް މުވައްޒަފުން ހޯދުމަށް ވެސް އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.

މުވައްޒަފުން ހޯދުމަށް ކޮމިޝަނުން ގެޒެޓްގައި ޖަހާފައިވާ އިއުލާންގައިވާ ބޮޑެތި މަގާމުތަކުގެ ތެރެއިން ދެ މަގާމަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކަށް 19590.ރ ލިބެ އެވެ. އަދި މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކަށް 16500.ރ ލިބޭ ހަތަރު މަގާމެއް ވެސް ކޮމިޝަންގެ އިއުލާންގައިވެ އެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުރަން ޖެހޭ ކަމެއް ކަމަށްވާ ޓެރެސްޓްރިއަލް ފްރެކުއެންސީ އާއި ލައިސަންސް ދޫކުރުން، އެކަމާ ބެހޭ ގައިވައިދު އިސްލާހު ކުރެވެންދެން ހުއްޓާލާފައިވާ އިރު، ލައިސަންސް ހޯދުމަށާއި މައުލޫމާތު ހޯދުމަށް ބައެއް ފަރާތްތަކުން އެދިފައިވާ ކަމަށް މިދިޔަ މަހު އެކޮމިޝަނުން ވަނީ ބުނެފަ އެވެ.
ކޮމިޝަންގެ ނައިބު ރައީސް ވިދާޅުވީ ކޮމިޝަންގެ މަސައްކަތްތައް އަދިވެސް ހިނގައި ނުގަންނަ ކަމަށެވެ. އެއީ އަދި މުވައްޒަފުން ނުލިބޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.