25 Dec 2016, 15:12
މެންޗަސްޓާ ޔުނައިޓެޑްގެ ފޯވާޑް ޒަލްޓަން އިބްރަހިމޮވިޗު ކުޅުން ހުއްޓާލާނީ މެންޗަސްޓާ ޔުނައިޓެޑްގައި ކަމަށް އެޓީމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ފްރާންސްގެ ޕީއެސްޖީއަށް ކުޅުމަށް ފަހު ފްރީ ޓްރާންސްފާއެއްގެ ދަށުން އެއް އަހަރުގެ އެއްބަސްވުމުއްގައި މިއަހަރު ޔުނައިޓެޑަށް ބަދަލުވި އުމުރުން 35 އަހަރުގެ އިބްރަހިމޮވިޗު ވަނީ މިހާރު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ.
"އޭނާ(އިބްރަހިމޮވިޗު) އަންނަނީ ޔުނައިޓެޑްގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން. އަހަރެން ވަރަށް ހިތްހަމަ ޖެހޭ އޭނާގެ ކުޅުމާ މެދު. ކުޅުން ހުއްޓާލަން އޭނާ ނުދާނެ އެމެރިކާ ނުވަތަ ޗައިނާ ލީގަކަށް،" މޮރީނިއޯ ބުންޏެޗެ.
މޮރީނިއޯ ބުނީ އުމުރުގެ ގޮތުން އިބްރަހިމޮވިޗު ކިތަންމެ ދޮށީ ނަމަވެސް އަދިވެސް އޭނާގެ ހުރީ 25 އަހަރުގެ ޒުވާން ކުޅުންތެރިއްގެ ކުޅުން ކަމަށާއި އޭނާއާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.
އިބްރަހިމޮވިޗް ވަނީ މި ސީޒަނުގައި ޔުނައިޓެޑަށް ބަދަލުވެ 25 މެޗުން 16 ގޯލް ކާމިޔާބްކޮށްފަ އެވެ.
"ޔުނައިޓެޑްގައި އޭނާ ކާމިޔާބު ކުރި ގޯލުތަކުގެ ތެރޭގައި ހިމެނެނީ އެންމެ ޕެނަލްޓީއެއް. ނަމަވެސް ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިންގެ ޕެނަލްޓީގެ އަދަދު ވަރަށް ގިނަ،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ އިބްރަހިމޮވިޗު ކެރިއަރު ނިންމާލާނީ މޮޅު ކުޅުންތެރިއެއްގެ ގޮތުގައި އެންމެ މަތީ ފަންތީގައި ކަމަށެވެ.