ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ހަވާސާ ކުރެވިފައި ތިބި ބަޔަކަށް ނެހެދުމަށް ޖެންޑާ މިނިސްޓަރު އާމިނަތު ޒެނީޝާ ޝަހީދު ޒަކީ އިލްތިމާސް ކުރައްވައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ 100 މީހަކަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާދީ އެކަމުގެ ލިޔުން ހަވާލުކުރުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަަށް އެހެން މީހުންނާ އެއް ހަމައެއްގައި ބައިވެރިވެވޭނޭ ގޮތްތައް ހޯދައި، އެކަމަށް މަގުފަހިކޮށްދިނުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ވަނީ ކުރަންޖެހިފަ އެވެ.

އެގޮތުން، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުން ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަފާތު ދާއިރާތަކުން ފުރުސަތު ހުޅުވާލުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.

"ފުލްޓައިމް ވަޒީފާތަކުގެ އިތުރުން ޕާޓްޓައިމް ނުވަތަ ވަގުތީ ވަޒީފާތަކާއި ވޮލަންޓިއަރުންނަށް ހުޅުވާލާ ފުރުސަތުތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިވެރިކުރުމަކީ އެފަރާތްތައް ބިނާކުރުވައި މުޅި މުޖުތަމައުއަށް ލިބޭނެ ކުރިއެރުންތަކެއް،" މިނިސްޓަރު ޒެނީޝާ ވިދާޅުވި އެވެ.

މިނިސްޓަރު ޒެނީޝާ ވިދާޅުވީ، ނުކުޅެދުންތެރިކަމެއްގެ ސަބަބުން ސްކޫލާއި ވަޒީފާގެ މާހައުލުގެ އިތުރުން މުޖުތަމައުގައި ތަހައްމަލުކުރަން ޖެހޭ ތަފާތުކުރުންތައް ނައްތާލައި އަނިޔާތަކާ ގޯނާތަކުން ރައްކާތެރިކަމާ ހިމާޔަތް ފޯރުކޮށްދޭ އަދި އެމީހުންނަށް އިހްތިރާމްކުރާ މުޖުތަމައުއެއް ބިނާކުރުމަކީ އެންމެންގެ އަމާޒަކަށް ހަދަން ޖެހެ އެވެ.